Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ޑެފިނިޓް ސޮލިއުޝަންސް އަކީ ގާބިލު، ތަޖުރިބާކާރު ކުންފުންޏެއް

އައްޑޫގެ މަރުކަޒީ އިންޖީނުގެ އަޕްގްރޭޑްކޮށް، ކަރަންޓްގެ ހާލަތު ރަނގަޅު ކުރަން ހަވާލުކޮށްފައިވާ ކުންފުންޏަކީ، އެ މަސައްކަތަށް، ގާބިލު ތަޖުރިބާ ހުރި ކުންފުންޏެ އްކަމަށް ފެނަކަ އިން ބުނެފި އެވެ.

އެ މަސައްކަތް މި މަހުގެ 7 ގައި ހަވާލުކޮށްފައި ވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާ އެވެ.

މިއީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރަން މި ސަރުކާރުން ހަވާލުކުރި ދެވަނަ ކުންފުންޏެވެ. އެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކްއާ އެވެ. އެއީ އެޕްރީލް 18، 2024 ގަ އެވެ.

ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކުރި މަސައްކަތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ފެނަކައިިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ އެ ކުންފުންޏަކީ ގާބިލު ތަޖުރިބާހުރި ކުންފުންޏެއް ކަމަށެވެ.

"އެ ކުންފުންޏަކީ މިހާރު ވެސް ދުބާއީގެ 28 މެގަވޯޓާއި، 18 މެގަވޯޓާއި ދެމެދުގެ ދެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ކުންފުންޏެއް، އޭނަ ވިދާޚުވި އެވެ. "އެބޭފުޅުންގެ އެކްސްޕީރިއެންސް އެބަހުރި. އެ ކުންފުންޏާ ހަވާލުކޮށްގެން] އަޅުގަނޑުމެން އައްޑު އަށް މި ގެންނަނީ ދާއިމީ ހައްލެއް."

ނަޖާހު ވިދާޅުވީ ޑެފިނިޓް ސޮލިއުޝަންސް އަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ އެހެން ޤައުމުތަކުގައި ވެސް ކަރަންޓްގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުން އަންނަ ކުންފުންޏެކެވެ.

އެ ކުންފުންޏާ އައްޑޫގެ މަރުކަޒީ އިންޖީނުގެ އަޕްގްރޭޑް ކުރަން ހަވާލުކުރި ޗައިނާގެ ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢު ކުރިއަށް ނުގެންދާތީ އެއްބަސްވުން ބާތިލު ކުރުމަށް ފަހު އެވެ.

ފެނަކައިން ބުނެފައި ވަނީ މި މަޝްރޫޢުގެ ދަށުން މަރުކަޒީ އިންޖީނުގެ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އުފެއްދުމެއް ކަމަށެވެ. ޔޫރަޕްގައި ބޭނުންކުރާ އެ ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށް ވެސް ފެނަކައިން ބުންޏެ.

އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީޕީއެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ އެވެ.