މި އަހަރުގެ ރަމަޟާން މަހުގެ އެންމެ މުހިންމު ދުވަސްތައް މިއޮތީ އަޅުގަނޑުމެންނާ ބައްދަލުވެފަ އެވެ. ބަރަކާތްތެރި ދުވަސްތަކެކެވެ. ރޭތަކެކެވެ. އެރޭތަކުން ރެއެއްގައި ޤަދްރިވިލޭރޭ ހިމެނޭ މާތް ރޭތަކެކެވެ.
ޢާއިޝާ رضي الله عنها ޤަދްރި ވިލޭރޭ ކުރަށްވާނެ ދުޢާއަކާއި ބެހޭގޮތުން ސުވާލުދެންނެވުމުން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.
“ކަމަނާ ވިދާޅުވާށެވެ. (اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)”
މާނައީ: “އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާންދޭވެ.”
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފަހުދިހައި އެއްވެސް ރެއެއް މިދުޢާ ނުކޮށް ދޫކޮށްނުލާށެވެ! ބުރަކޮށް އުޅެންޖެހުނުކަމުގައިވިޔަސް މިދުޢާ ހިތުދަސްކޮށް ގިނަގިނައިން ކިޔޭތޯ ބަލާށެވެ. ސައިކަލުގައި ދަތުރުކުރަމުންވެސް ކިޔާށެވެ! ބަދިގޭގައި އުޅޭ ވަޤުތުތަކުގައި ވެސް ކިޔާށެވެ! މާނައަށް ވިސްނައިގެން ތަކުރާރުކުރާށެވެ! ޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމަ ލިބޭތޯއެވެ!
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.