Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ސަރުކާރުގެ ކުންފުނިން ރަށްރަށަށް ބޭސް ފޮނުވަން ފަށައިފި

މާލޭގައި ހުރި ބޭސް ފިހާރައެއް - ފޮޓޯ: އަވަސް

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްއިން ބޭސް އެތެރެކުރަން ފަށައި، މިހާރު އެ ބޭސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނުވަވަނަ ދުވަހުގަ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބޭސް އެތެރެކުރަން ވަކި ކުންފުންޏެއް އުފެއްދުމުގެ ސަބަބުން މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެވި، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ ހާއްސަ ބަޔަކު އުފެދިފައިވާ ކަމަށެވެ.

"މިހާރު އެ ކުންފުނީގެ މަސައްކަތް ފެށިގެން އެބަ ކުރިއަށްދޭ. ބޭސް އެތެރެކުރުމުގެ މަސައްކަތް ފަށައިފި. އެ ކުންފުނިން ވަރަށް އަވަހަށް ކުރިއެރުންތަކުގެ މައުލޫމާތުތައް ހިއްސާކޮށްދޭނެ. މިހާރު ބައެއް ބޭސްތައް ކުންފުނިން އެތެރެކޮށްގެން ސަޕްލައިކުރަން ފަށައިފި ރަށްރަށަށް" ނާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހު އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމްވަނީ އައްޔަންކުރައްވައިފިއެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޝާހު މާހިރެވެ.

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ބޭސް ފިހާރަތަށްވެސް މިހާރުވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ ދަަށަށް ބަދަލުކޮށްފައެވެ.