Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އެއް ދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ އެންމެ ފައިދާ ބޮޑު ގޮތް

އެއް ދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޝިހާބް ވިދާޅުވީ ރާއްޖެފަދަ ޤައުމަަކަށް އެއް ދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ އެންމެ ފައިދާ ބޮޑު ރަނގަޅު ގޮތް ކަމަށާއި ކޮންމެ އިންތިޚާބެއް ވަކިވަކީން ބޭއްވުމަކީ ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމެކެވެ.

"މި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވިއްޖެ ނަމަ ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން," ޝިހާބު ވިދާޅުވި އެެވެ.

އެއް ދުވަހެއްގައި އިންތިޚާބުތައް ކުރިއަށް ގެންދާނަމަ ގިނަ ރައްޔިތުންގެ ބައިވެރިވުން އިންތިޚާބުތަކުގައި އޮންނާނެ ގޮތް ހެދޭނެ ކަމަށާއި އަދި އިންތިޚާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ އިންތިޚާބުތަކުގެ އިންސާފުވެރިކަން އިތުރަށް ކަށަވަރުގެ މަޖިލީހަށް ވެސް އެންމެ ޤާބިލް ބޭފުޅުން އިންތިޚާބު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޝިހާބް ވިދާޅުވި އެވެ.