Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

އައްޑޫގެ ތަރައްގީއަށް އެހީވާން ބީއެމްއެލް ތައްޔާރު: ޝަރީފް

އައްޑޫގެ ތަރައްގީއަށް ހުރިހާ ގޮތަކުން ވެސް އެހީވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޮތީ ތައްޔާރަށް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑޫ ސިޓީއަށް ތައާރަފުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ބީއެމްއެލް އޮތީ އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ދޮރު ހުޅުވާލައިގެން ކަމަށާއި އެގޮތުން އިތުރު ރަހުނަކާ ނުލައި، އައްޑޫގައި ގެދޮރު ހެދުމަށް މިހާރު ތިން މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ އައްޑޫ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށް ހާއްސަ ޕްރޮޑަކްޓެއް ތައާރަފު ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އައްޑޫގެ ވިޔަފާރިތަކަށް އެއްވެސް ރަހުނަކާ ނުލައި ވިޔަފާރި ހިންގުމަށް ބޭނުންވާ ވާކިން ކެޕިޓަލްގެ ގޮތުގައި ތިން މިލިއަން ރުފިޔާގެ ލޯނު މިހާރު ލިބޭނެ. އައްޑޫގެ މަސްވެރިންނަށް ވެސް މިހާރު ވަޒީފާ އަދާކުރާ އެހެން މީހުންނަށް ބެންކުން ދޫކުރާ ހުރިހާ ލޯނަކަށް އެދި ހުށަހެޅޭނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އައްޑޫގައި ގެސްޓް ހައުސް އަދި ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ ފަރާތަތްކަށް ވެސް އެ ވިޔަފާރިތަކަށް ލިބޭނެކަމަށް ލަފާކުރާ އަމްދަނީ އަށް ބަލައި ދޫކުރާ ލޯނު ލިބޭނެ ކަމަށެވެ.

"ބޭންކުން މިއޮތީ މުޅި އައްޑޫގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ މާލީ ވަސީލަތްތަކާއި، ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭން. ބޭންކު މި އޮތީ ހުރިހާ ގޮތަކުން ވެސް އައްޑޫގެ ތަރައްގީއަށްޓަކައި އެހީތެރިވުމަށް. މިކަމަށްޓަކައި ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުން. ތިޔަ ބޭފުޅުންގެ ބެންކް އަބަދުވެސް އޮންނާނީ ތައްޔާރަށް،" އެމްޑީ ވިދާޅުވި އެވެ.

އައްޑޫގައި ބީއެމްއެލްގެ 67 މުވައްޒަފުން އެބަތިބި ކަމަށާއި، މާލެ ފިޔަވައި، އެއް އަތޮޅެއްގައި އެންމެ ގިނަ ބްރާންޗާއި އޭޓީއެމް އަދި ކޮންޓެކްޓް ސެންޓަރެއް ހުންނަނީ އައްޑޫގައި ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މާލޭގައި ހުންނަ ބީއެމްއެލްގެ އޮފީސްތަކުގައިވެސް އައްޑޫގެ ރައްޔިތުން ގިނަ އަދަދަކަށް މަސައްކަތް ކުރާކަން ޝަރީފު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ޑިވެލޮޕްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ވެސް އައްޑޫގެ ޑިވެލޮޕަރުން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.