އައްޑޫ ސިޓީގެ އިގްތިސާދު ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޕްލޭންތަކަށް ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީއަށް "ސްވައިޕް" ތައާރަފުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ އައްޑޫގެ އިގްތިސާދު ބަދަލުކުރުމަށް ރައީސް މި ކަނޑައަޅުއްވާފައިވާ ބައެއް ޕްލޭންތަކަށް ކޮންމެހެންވެސް ބޭނުންވާ އެއް ކަމަކީ މިހާރު މިއޮތް ކޮންޓެކްޓްލެސް އަދި ކޭޝްލެސް ޕޭމަންޓްތަކުގެ ނިޒާމް އައުން ކަމަށާއި އައްޑުއަށް މިހާރު ތައާރަފް ކުރެވިގެން ދަނީ އެ ނިޒާމު ކަމަށެވެ.
"ރާއްޖެ ޑިޖިޓަލް މޯލްޑިވްސް ވިޝަންއެއްގެ ދަށުން ރާއްޖެ ބައްޓަން ކުރައްވަމުން ގެންދަވާއިރުގައި ވަރަށް މުހިންމު ކަމެއް އެއީ ދިވެހިންގެ ހުރިހާ އެންމެން އިޤްތިޞާދުގެ ތެރޭގައި އިންކްލޫސިވްކޮށް ހިމެނިގެން ދިއުމަކީ. އެންމެންގެ އިންކްލޫޝަންއަށްޓަކައި މިފަދަ މާލީ ނިޒާމްތައް އައުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެއާއިއެކުގައި ފައިސާގެ ސަލާމަތާއި ޔަޤީންކަން ކަށަވަރުވެފައި އޮންނަ ނިޒާމެއް އޮތުމަކީ، އަބަދުވެސް އިޤްތިޞާދެއްގައި އެންމެ ބޮޑަށް ފައިސާ ދައުރު ވަމުންދާއިރުގައި އެކަމަކަށް އާންމުން ބަލާނެ ކަމެއް." އިހުސާން ވިދާޅުވި އެވެ.
މިފަދަ ނިޒާމަކުން ޕޭމަންޓް ހެދޭއިރު ރައްޔިތުންގެ އިތުބާރު އޮންނާނެ ކަމެއް ކަމަށާއި އަދި ވަގުތުން ވަގުތަށް ކޮންމެ ތަނެއްގައި ތިބެގެންވެސް ފައިސާ ފޮނުވޭނެ އިންތިޒާމަކީ ޑިޖިޓަލް މޯލްޑިވްސްއަށް ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
މީގެއިތުރުން މި ޑިޖިޓަލް ވޮލެޓްގެ ސަބަބުން މިހާރު ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް އެހީއަކަށް ވެގެންދާނެކަން ވެސް ފާހަގަކުރެއްވި އެވެ.