Last Updated: June 5, 11:07
Friday, June 5, 2026
ކޮލަމް

މުފްތީ ތަޤީ ޢުޘްމާނީގެ ގޮވައިލެއްވުން

މުފްތީ މުޙައްމަދު ތަޤީ އުޘްމާނީ އަކީ މިއަދު އިސްލާމީ އުންމަތުގައި ހުންނެވި އެންމެ ވަރުގަދަ އަދި އެންމެ އިޙްތިރާމް ލިބިގެންވާ އެއް ޢިލްމުވެރިޔާ އެވެ.

އެމަނިކުފާނުގެ ޢިލްމީ ފުންކަމާއި، ޙިކުމަތްތެރިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމަނިކުފާނު މަޝްހޫރުވެފައި ވަނީ "ޝައިޚުލް އިސްލާމް" ގެ ލަޤަބުންނެވެ. އެމަނިކުފާނަކީ ކީރިތި ޤުރުއާނުގެ ތަފްސީރާއި، ޙަދީޘް ޢިލްމާއި، އިސްލާމީ ފިޤުހާއި (Islamic Law)، ތަޞައްވުފުގެ ޢިލްމާއި، އިސްލާމީ އިޤްތިޞާދުގެ (Islamic Economics) އިތުރުން ތަފާތު ދީންތަކާ ބެހޭ ޢިލްމުގައި (Comparative Religion) ދުނިޔެ ބަލައިގަންނަ އެންމެ ކުރިއަރާފައިވާ އެއް ޢިލްމުވެރިޔާއެވެ.

​"ދަ 500 މޮސްޓް އިންފްލުއެންޝަލް މުސްލިމްސް" ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. 2020 ވަނަ އަހަރު، މުޅި ދުނިޔޭގައި ހުރި އެންމެ ނުފޫޒުގަދަ މުސްލިމް ޝަޚްޞިއްޔަތަކަށް ހޮވިވަޑައިގަތީވެސް އެމަނިކުފާނެވެ.
އެމަނިކުފާނަކީ އިސްލާމީ ޢިލްމުތަކުން މިއަދުގެ ޒަމާނީ މައްސަލަތަކަށް ޙައްލު ހޯއްދެވުމުގައި ދެވަނައެއް ނެތް ބޭފުޅެކެވެ. އެ މަނިކުފާނަކީ މި ޒަމާނުގެ ​އިސްލާމީ ފައިނޭންސްގެ ބާނީ އެވެ.

މިއަދުގެ އިސްލާމީ ބޭންކިންގ ނިޒާމު ބައްޓަންކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ މުފްތީ ތަޤީ އެވެ. ރާއްޖޭގެ އިސްލާމިކް ބޭންކް އުފެއްދުމުގެ މަސައްކަތުގައި ލަފާ ދެއްވުމަށްޓަކައި ދިވެހި ސަރުކާރުގެ ދަޢުވަތަށް ރާއްޖެ ވަޑައިގަތެވެ.

​​މުފްތީ ތަޤީ ވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ޝަރީޢަތް އެޕެލޭޓް ބެންޗުގައި 20 އަހަރު ވަންދެން ފަނޑިޔާރުކަން ކުރައްވާފައެވެ. އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޤާނޫނުތައް ތަންފީޛު ކުރުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
​ޢަރަބި، އުރުދޫ އަދި އިނގިރޭސި ބަހުން 140 އަށްވުރެ ގިނަ ފޮތް އެމަނިކުފާނު ވަނީ ލިޔުއްވާފައެވެ. އޭގެ ތެރޭގައި ޙަދީޘް ޢިލްމާއި، ފިޤުހު އަދި ތަޒްކިޔަތުއްނަފްސްގެ ރޮނގުން ލިޔުއްވާފައިވާ ބޮޑެތި އެންސައިކްލޮޕީޑިއާތައް ހިމެނެ އެވެ.

މުފްތީ ތަޤީ އުޘްމާނީ އަކީ ޢިލްމީ ޢާއިލާއަކަށް ނިސްބަތް ވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ބައްޕާފުޅު މުފްތީ މުޙައްމަދު ޝަފީޢު ޢުޘްމާނީ (رحمه الله) އަކީ ވަރަށް މަޝްހޫރު ޢިލްމުވެރިއެކެވެ. ޕާކިސްތާން އުފެއްދެވުމުގައި އިސް ދައުރެއް އަދާ ކުރެއްވެވި ބޭފުޅެކެވެ. މުފްތީ ޝަފީޢު ޢުޘްމާނީ އަކީ ޕާކިސްތާނުގެ ފުރަތަމަ ޝައިޚުލް އިސްލާމް (ގްރޭންޑް މުފްތީ) އެވެ.

މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ ތަފްސީރު "މަޢާރިފުލް ޤުރުއާން" ލިޔުއްވީ އޭނާއެވެ. މުފްތީ ތަޤީގެ ބެއްލެވުމުގެ ދަށުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވި އެޑިޓް ކުރެވިފައިވާ އޭނާގެ ބައްޕާފުޅުގެ ތަފްސީރު ކިޔާލި މީހަކަށް އެ ދެބޭފުޅުންގެ ޢިލްމުވެރި ކަމާއި ޙިކުމަތްތެރިކަން ދޭހަ ވާނެއެވެ. ޤުރުއާންގެ ވަރަށް ގިނަ އެޕް ތަކުގައި މި ތަފްސީރުގެ އިނގިރޭސި ތަރުޖަމާ ހިމެނެއެވެ. މުފްތީ ޝަފީޢު އަކީ މިއަދުގެ ދުނިޔޭގައިވާ އިސްލާމީ ޢިލްމުގެ އެންމެ މުހިންމު އެއް މަރުކަޒު ކަމުގައިވާ ކަރާޗީގެ ދާރުލް ޢުލޫމްގެ ބާނީވެސް މެއެވެ.

ޢުމުރުފުޅުން 82 އަހަރު ވެފައިވާ ​މުފްތީ ތަޤީ ގޮވައިލައްވަނީ މުސްލިމް އުންމަތުގެ މެދުގައި އޮތް ފިރުޤަވީ ތަފާތުތައް އެއްކިބާކޮށް އެއްބައިވަންތަވުމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ބޭރުގެ ނުފޫޒުތަކުން މުސްލިމުން ބައިބައިކޮށް ބަލިކަށިކުރަމުންދާ މި ދަނޑިވަޅުގައި، ތަފާތުތައް ހަނދާން ނައްތާލައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ.

​ދީނީ ޢިލްމު އުނގެނުމުގައްޔާއި ދީނީ ކަންކަމުގައި މަޢުލޫމާތު ހޯދުމުގައި މުފްތީ ތަޤީ އުޘްމާނީ ފަދަ އިތުބާރު ހުރި، ޙަޤީޤީ "ރައްބާނީ" ޢިލްމުވެރިންގެ ޢިލްމުން ފައިދާ ހޯދުމަކީ މިއަދުގެ ޒުވާނުންނަށް އެންމެ އެދެވިގެންވާ ގޮތް ކަމުގައި ދެކެމެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.