Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ވަރޫން އެކްޓިން އިން ބްރޭކެއް ނަގަނީ

ބޮލީވުޑްގެ އެކްޓަރު ވަރޫން ދަވަން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 38 އަހަރުގެ އެކްޓަރު ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކާ ދުރުވާން ނިންމީ މިހާރު ދެ އަހަރުވާން ކައިރިވެފައިވާ ދަރިޔަކު ބެސް ހުރި އިރު، ފިލްމީ މަސައްކަތްތަކުގައި ވަރަށް ބިޒީކޮށް އުޅެން ޖެހުމުން އާއިލާ އަށް އެކަށީގެންވާ ވަގުތު ނުދެވޭތީ ކަމަށެވެ.

ވަރޫންގެ ދަރިފުޅު ލާރާ އުފަންވީ ޖޫން 3، 2024ގަ އެވެ. މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅު އޭނަގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލްއާ ކައިވެނިކުރީ 2021 ގަ އެވެ.

މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ ބައްޕަ ޑައިރެކްޓްކޮށް ޖޫން 12 ގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އެވެ. ވަރޫންގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އެވެ.

އޭނަ ބޮލީވުޑަށް ނުކުތީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ 2012 ގެ 'ސްޓޫޑެންޓް އޮފް ދި އިޔާ' އެވެ. އެ ފިލްމަކީ އާލިއާ ބަޓާއި ސިދާތު މަލްއުތުރާ ވެސް ތައާރަފުވި ފިލްމެވެ.