Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ފްލެޓް ދޫކުރުމުގައި ނުކުޅެދުންތެރިންނަށް ހާއްސަ ކެޓަގަރީއެއް

"އާއިލީ ބޯހިޔާވަހިކަން" ސްކީމްގެ ތެރެއިން ދޫކުރާ ފުލެޓުތަކަށް ކުރިމަތިލާން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީއެއް ހިމަނައި، އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހެޅޭ ގޮތަށް ހަދައިފި އެވެ.

މާލޭ ސަރަހައްދުން 7،900 ފުލެޓު ދޫކުރަން ނިންމާފައިވާ އިރު، އޭގެ ތެރެއިން 100 ފުލެޓް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައިވެ އެވެ.

ހައުސިން މިނިސްޓްރީން ވަނީ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އެއް ހިމަނައި، ޝަރުތުތަކާއި އެޕްލިކޭޝަން ހުށަހެޅޭނެ ގޮތުގެ އިތުރުން ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ އުސޫލު ވެސް އާންމުކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް ކުރިމަތިލެވޭނީ ސީދާ އެ މީހާއަށެވެ. އެކަމަކު، ދިރިއުޅޭ ސަރަހައްދުން އޭނަ އަށް ބޭނުންވާ ފަރުވާ ލިބެން ނެތް މީހެއް ނަމަ، އެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން މާލޭ ސަރަހައްދުގައި އުޅެވެން ނެތިއްޔާ ވެސް ކެޓަގަރީއަށް ފޯމު ހުށަހެޅޭނެއެވެ. އަދި، މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށްވެފައި، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ފަރުވާ ހޯދާފައިވާ ނަމަ ވެސް ކުރިމަތިލެވޭނެއެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ މި މަހު 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 އާ ހަމައަށެވެ.