Last Updated: June 5, 11:07
Friday, June 5, 2026
ކުޅިވަރު

ވޯލްޑް ކަޕްގައި ނުކުޅެން އިރާނުން ނިންމައިފި

އިރާންގެ ސްޕޯޓްސް މިނިސްޓަރު.

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ނުކުޅެން އިރާނުން ނިންމައިފި އެވެ.

މިކަން އިއުލާން ކުރައްވައި އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ ވިދާޅުވީ އެމެރިކާ ހިމެނޭހެން ތިން ގައުމެއްގެ 16 ސިޓީއެެއްގައި މެޗްތަައް ކުޅެން ހަމަޖެހިފައިވާ މުބާރާތުގައި އިރާނުން ވާދަނުކުރަން ނިންމީ އެ ގައުމުގެ ކުޅުންތެރިންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ވޯލްޑް ކަޕް މި އަހަރު ބާއްވަނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގަ އެވެ. އެމެރިކާ އަކީ އިރާނާ ދެކޮޅަށް މިހާރު އިޒްރޭލާ ގުޅިގެން ހަނގުރާމަ ކުރަމުންދާ ގައުމެކެވެ.

މިކަމަށް އިޝާރާތް ކުރައްވައި ސްޕޯޓް މިނިސްޓަރު ވިދާޅުލީ ކޮރަޕްޓްވެފައިވާ ގައުމަކުން ހަމަލާދީ އެ ގައުމުގެ އިސް ލީޑަރަކު ވެސް އަވަހާރަކޮށްލާފައިވާތީ އެމެރިކާގައި ބާއްވާ މުބާރާތެއްގައި އިރާން ވާދަކުރުން ރައްކާތެރި ނޫން ކަމަށެވެ.

"އަހަރެމެންގެ ކުޅުންތެރިންނަށް ރައްކާތެރިކަމުގެ ޔަގީންކަމެއް ނެތް މުބާރާތެއްގައި ވާދައެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އަދި އަހަރެމެންގެ ގައުމު އޮތީ އެ މުބާރާތުގައި މިހާރު ވާދަކުރެވޭ ހާލަތެއްގައެއް ވެސް ނޫން."

އިރާން ވޯލްޑް ކަޕްގައި ވާދަނުކުރަން ނިންމި އިރު، އެ ގައުމު ހިމެނެނީ މުބާރާތުގެ ގްރޫޕް ޖީގަ އެވެ. އަދި އިރާނުގެ ހުރިހާ މެޗުތަކެއް ކުޅެން ހަމަޖެހިފައި އޮތީ ވެސް އެމެރިކާގަ އެވެ. އިރާނާއެކު ގްރޫޕް ޖީގައި އޮތީ ބެލްޖިއަމާއި މިސްރު އަދި ނިއުޒީލެންޑެވެ.

ސާޅީސް އަށް ގައުމަކުން ވާދަކުރާ ގޮތަށް އޮތް ވޯލްޑް ކަޕުން އިރާން ވަކިވެފައިވާތީ މުބާރާތުގައި ދެން ވާދަކުރާނީ 47 ގައުމަކުންނެވެ. މި މުބާރާތް ކުރިއަށް ދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.