ރަމަޟާން މަހަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން އެމަހެއްގައި ބަރަކާތް ލެއްވިގެންވާ މަހެކެވެ. އެމަހަކީ މާތް ވެގެންވާ ކީރިތި ޤުރުއާން އެމަހެއްގައި ބާވާލެއްވުނު މަހެވެ. އެޤުރުއާން ބާވާލެއްވުނީ ޤަދްރި ވިލޭރޭގަ އެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވި އެވެ.
(إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ) (ސޫރަތުލް ޤަދްރި 1)
މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدرގަ އެވެ.”
އަދި އެރޭ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާކަން ވެސް މާތް ﷲ ވަނީ އަންގަވާފަ އެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ. (لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ) (ސޫރަތުލް ޤަދްރި 3)
މާނައީ: “ليلةالقدر، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.”
ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘްތަކުން އެނގޭ ގޮތުގައި އެކަލޭގެފާނަށް އެރޭ ދެއްކެވުނެވެ. އަބޫ ސަޢީދު (ރަޟިޔަﷲ ޢަންހު) ގެ އަރިހުން ރިވާވެގެންވެ އެވެ. އެކަލޭގަފާނު ވިދާޅުވި އެވެ. ރަމަޟާން މަހުގެ ވިހިވަނަ ދުވަހު ހެނދުނު ޚުޠުބާއެއް ދެއްވަމުން ޙަދީޘްކުރެއްވި އެވެ.
“إِنِّي أُرِيتُ لَيْلَةَ الْقَدْرِ فَأُنْسِيتُهَا فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ فِي الْوَتْرِ” (ޞަޙީހުލް ބުޚާރީއާއި މުސްލިމް މި ޙަދީޘް އައިސްފައިވެއެވެ.)
މާނައީ: ”ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ލައިލަތުލް ޤަދްރި ދެއްކެވުނެވެ. (އެބަހީ: އެއީ ސީދާ ކޮން ރެއެއްކަން ހުވަފެނުގައި އެކަލޭގެފާނަށް އަންގަވައި ދެއްވިއެވެ.) ދެން ތިމަންކަލޭގެފާނަށް އެރޭ ހަނދުމަފުޅުނެތި ކުރެއްވުނެވެ. ފަހެ، ތިޔަބައިމީހުން ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި އެ ރޭ ހޯދުމަށް މަސައްކަތް ކުރާށެވެ.”
މިޙަދީޘުން އެނގޭ ގޮތުގައި ލައިލަތުލް ޤަދްރި ވަނީ ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ރެއެއްގައެވެ. އޮނަހިރި ރޭތަކަކީ 21،23،25،27،29 ވިލޭރޭ އެވެ. އަޅުގަނޑުމެންނަށް އޮތީ މިރޭތަކުގައި އެއްހާސް މައްސަރުގެ ޘަވާބާއި ދަރުމަ ހޯދުމަށް ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރުމެވެ.
މާތް ﷲ، އަޅުގަނޑުމެންގެ ތެރެއިން ހަމައެކަކުވެސް އެރޭގެ ދަރުމައާއި ޘަވާބުން މަޙްރޫމު ނުކުރައްވާށިއެވެ. އާމީން!
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.