މެދުއިރުމަތީގައި ހިނގަމުންދާ ހަނަގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިއްޖެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ވިދާޅުވީ ރާއްޖޭގެ އިތުރުން އަވަށްޓެރި ބަންގްލަދޭޝް އަދި ސްރީ ލަންކާ އިން ވެސް ވަނީ ތެޔޮ ހޯދުމަށް އިންޑިއާގައި އެދިފަ އެވެ.
އަވަށްޓެރި ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އިންޑިއާގެ އަމިއްލަ ބޭނުންތަކަށް ބޭނުންވާ މިންވަރަށާއި އެ ގައުމުގެ ތެޔޮ ސާފުކުރާ ކާރުހާނާތަކުގެ ގާބިލުކަމަށް ބަލާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާ ސަރުކާރުގައި އެދިފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުން ދަތިވުމާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ.
"ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކި ގޮތްގޮތުން އެކި ޤައުމުތަކާއެކު އެބަކުރެވޭ. މިއީ ވަކި ޤައުމަކަށް ނުވަތަ މަދު ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން ޑައިވާސިފައިކުރުމަށް ކުރެވޭ މަސައްކަތް" ހަލީލް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25 އާއި %30 އުފުލިފައިވާއިރު، ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލާއެކު ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާނީ ބާޒާރަށް އަންނަ ބަދަލަށް ރިއާޔަތްކޮށްގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.