"ޔޫއެން ސެކިއުރިޓީ ކައުންސިލުން މި ފާސްކުރި ޤަރާރުގެ ސަބަބުން، ގަލްފު ގައުމުތަކަށް ޙަމަލާދިނުމަށް އީރާނަށް އޮތް ޙުއްޖަތް ކުރިއަށް ވުރެ ވެސް ބޮޑުވެއްޖެ އެވެ.
އެ ޤަރާރުގައި އީރާނުގެ މައްޗަށް ލާޒިމުކޮށްފައި ވަނީ:
(1) ގަލްފު ގައުމުތަކަށް (އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކާއި ވަޞީލަތްތައް ހިމެނޭހެން) ޙަމަލާދިނުން ހުއްޓާލުމަށެވެ.
(2) ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސްއެޅޭ ފަދަ އެންމެހާ ޙަރަކާތްތައް ހުއްޓާލުމަށެވެ.
ނަމަވެސް، ސެކިއުރިޓީ ކައުންސިލުން އަންނަނިވި ކަންކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ:
(1) އެމެރިކާގެ ޣައިރު ގާނޫނީ ހަނގުރާމަ.
(2) އިސްރާއީލުގެ ޣައިރު ގާނޫނީ ހަނގުރާމަ.
(3) ކުޑަކުދިންނާއި އާންމުން މެރުން.
(4) ޔުނެސްކޯގެ ތަރިކަ ބިނާތަކާއި އާންމު އިންފްރާސްޓްރަކްޗަރ ސުންނާފަތިކުރުން.
(5) ދީނީ ޢިލްމުވެރި ލީޑަރުންނާއި ސިޔާސީ ލީޑަރުން ޣައިރު ގާނޫނީ ގޮތެއްގައި އަވަހާރަކޮށްލުން.
ކުރުކޮށް ބުނާނަމަ، ސެކިއުރިޓީ ކައުންސިލުން މި ބާރުވެރިކޮށް ދެނީ އަނިޔާވެރިޔާ އަށެވެ. އަނިޔާ ލިބޭ ފަރާތުގެ އަތްފައި މި ވަނީ ބަނދެފައެވެ.
ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، މި ޤަރާރު ހުށަހަޅާފައިވަނީ ގަލްފު ގައުމުތަކުން (ޔޫއޭއީ، ސަޢޫދީ ޢަރަބިއްޔާ، ކުވެއިތު، ބަހްރައިން އަދި ޤަތަރު) ކަމެވެ. އެމެރިކާ އާއި އިސްރާއީލުގެ ޢުދުވާނުތަކުގެ ވާހަކަ ކުޑަމިނުން ފާހަގަކޮށްލުމުގެ އަޚްލާގީ ޒިންމާ ވެސް އެ ގައުމުތަކުން އުފުލައިފައެއް ނުވެ އެވެ. މިއީ އިސްލާމީ ޢަދުލުވެރިކަމުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތެއް ހެއްޔެވެ؟ މިއީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ ސިފައެއް ހެއްޔެވެ؟ ޢަދުލުވެރިކަމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މުހިންމު އެއް އަސާސެވެ."
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.