Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

ރާއްޖެއަށް އެނބުރި ނާދެވިފައި 50 އުމްރާވެރިން އެބަތިބި

އުމްރާގެ އަޅުކަމަށްފަހު، ރާއްޖެއަށް އަނބުރާ ނާދެވިފައިތިބި 50 އުމްރާވެރިން ސައުދީ އަރަބިއްޔާގައި އެބަތިބި ކަމަށާއި އެމީހުން ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ މިވަގުތު 2،000 އަށްވުރެ ގިނަ އުމްރާވެރިން އުމްރާއަށް ގޮސް އެބަތިބި ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

ނަމަވެސް މެދުއިރުމަތީގައި މިވަގުތު ހިނގަަމުންދާ ހަނގުރާމައިގެ ސަބަބުން އެކުވެރި އަރަބި ގައުމެއްގެ ފްލައިޓެއް ކެންސަލްވުމާ ގުޅިގެން 50 އުމްރާވެރިން އެނބުރި ރާއްޖެ ނާދެވިފައި އެބަތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެކުވެރި ގައުމެއްގެ އެއާލައިނެއް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަން ނުފުރިފަ ތިބި ގާތްގަނޑަކަށް 50 އުމްރާވެރިން އެކޮޅުން އަންނަން ދަތިވެފަ އެތިބީ. އެހެންވީމަ އެމީހުންނަށް ގޮތެއް ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ވަނީ ފަށާފައި،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ހަނގުރާމައިގެ ސަބަބުން ރާއްޖެއިން އުމްރާވެރިން ގޮވައިގެން ފުރަން އޮތް ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލްވެފައެވެ.