Last Updated: June 7, 10:55
Sunday, June 7, 2026
ދުނިޔެ

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރޭ، ނޫނީ ހަމަލާދޭނަން

މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ބަންދުކުރުމަށާއި ނޫނީ އަދިވެސް ހަމަލާތައް ދޭނެ ކަމަށް އިރާންގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި މުޖްތަބާ ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ބަންދުކުރުމަށާއި ނޫނީ ހަމަލާތައް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށެވެ. އަދި އިރާނުން އަވަށްޓެރި ގައުމުތަކާއި އެކުވެރިކަން ބާއްވާނެ ކަމަށާއި ނަމަވެސް އިރާނުން ހަމައެކަނި ހަމަލާތައް އަމާޒުކުރަނީ އެގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް މުޖްތަބާ ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އަދި ހަނގުރާމައިގައި ޝަހީދުވި ފަރާތްތަކުގެ ހައްގުގައި އިރާނުން ޖިހާދުކުރުން މަތީ ދެމި ތިބޭނެ ކަމަށްވެސް މުޖްތަބާ ވިދާޅުވި އެވެ.

މީގެއިތުރުން މުޖްތަބާ ވަނީ އިރާނުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ތައުރީފް ކުރައްވާފަ އެވެ.

މުޖްތަބާ ޚާމަނާއީ ،56، އަކީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އަަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުންނެވެ. އޭނާ އަކީ އީރާން ސިފައިންގެ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.