Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

މާލޭގައި މިހާރު ހުރީ ނާގާބިލު މޭޔަރެއް: ޝުޖާއު

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ޕީއެންސީ

މާލޭ ސިޓީގައި މިހާރު ހުންނެވީ ނާގާބިލު އަދި އިހުލާސްތެރި ކަމެއް ނެތް މޭޔަރެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މާލެއަށް ދެން ވަޑައިގަންނަވާ މޭޔަރަކު މަސައްކަތް ފައްޓަވަން ޖެހިފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން މަސައްކަތް ނިންމެވި ހިސާބުން ކަމަށާއި، ރައީސް މުއިއްޒުގެ މޭޔަރުކަން ނިމުނު ހިސާބުން މާލޭ ސިޓީ ކައުންސިލް އަނދިރިވެގެންދިޔަ މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

އެކަން އެގޮތަށް ދިމާވީ ކައުންސިލަރުން މަސައްކަތް ނުކުރާތީ ނޫން ކަމަށާއި ނަމަވެސް ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން އެންމެފަހު ބަސް އިއްވަން ހުންނަނީ މޭޔަރު ކަމަށާއި ކައުންސިލްގައި ތިއްބެވި ޕީއެންސީގެ ކައުންސިލަރުން މަސައްކަތް ކުރެއްވި ނަމަވެސް މޭޔަރުގެ ނާގާބިލުކަން ކަންކަން ނުހިނގާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެގޮތުން ރޯދަ މަސް އައިއިރު ވެސް ހުޅުމާލޭގެ ގުއްބު މިސްކިތުގައި ކާޕެޓް އަޅައިވެސް ނުނިމުނު ކަމަށާއި ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ވިޔަފާރިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި މިސްކިތް ފަންޑު ގާއިމުކުރެއްވި ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެ މިސްކިތް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ނުދަނީ މާލޭގެ މިހާރުގެ މޭޔަރުގެ ނާގާބިލުކަމުން ކަމަށާއި ޕީއެންސީގެ މޭޔަރަކާއި ކައުންސިލަރުން އިންތިހާބުކުރަން ޖެހެނީ އެހެންވެގެން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

"އޭރުންނޭ މި ސިސްޓަމް ހިނގަނީ ލޮބުވެރި ރައްޔިތުންނޭ،" ޝުޖާއު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ޕީއެންސީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އަންނަ އިރު، އެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.