Last Updated: June 7, 10:55
Sunday, June 7, 2026
ކުޅިވަރު

ވޯލްޑް ކަޕަށް އިރާން އައުން ރައްކާތެރިއެއް ނޫން

މި އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްގެންދަން ނިންމާފައިވާ ފީފާ ވޯލްޑް ކަޕުގައި އިރާން ބައިވެރިވުމަކީ އެގައުމަށް ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ވޯލްޑް ކަޕަށް އިރާނުން ނުދާނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔަމާ ވަނީ އިއުލާންކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން ފީފާއިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޓްރަމްޕް، ޓްރުތް ސޯޝަލްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާންގެ ޓީމަށް ވޯލްޑް ކަޕްގައި ކުޅެން އަންނަން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެމެރިކާއަށް އިރާންގެ ފުޓްބޯޅަ ޓީމު އައުމަކީ އެެ މީހުންގެ އަމިއްލަ ރައްކާތެރިކަމަށް ބަލާއިރު ރަނގަޅު ކަމެއްހެން ހީނުވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާންގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ.

އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.