އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ "ޕަރީ: ޗެޕްޓާ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ ޖެނުއަރީ މަހުގެ 7 ގައި ޕްރީމިއާކުރި "ޕަރީ: ޗެޕްޓާ 1" ގެ ދެވަނަ ބައެވެ. މިއީ އަލީ ސީޒަން ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް ބަތަލުގެ ރޯލު ވެސް ކުޅެ ހަދާފައިވާ ފިލްމެކެވެ.
ޒުވާން ސްކްރީން ރައިޓަރު ހޫދު އިބްރާހީމްގެ ސްކްރީންޕްލޭކަށް ހަދާފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އައިޝަތު ރިޝްމީ އާއޮ ޝީލާ ނަޖީބާއި ޖުމައްޔިލް ނިމާލްގެ އިތުރުން މަރިޔަމް ލަމްޝާ ކިޔާ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.
"ޕަރީ" އަކީ ސްރީ ލަންކާގައި ދިރިއުޅޭ އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
އަންނަ މަހުގެ 6 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "ޕަރީ: ޗެޕްޓާ 2" ވާނީ އޮލިމްޕަހުގައި މި އަހަރު އަޅުވާ ތިން ވަނަ ފިލްމަށެވެ. އެންމެ ފަހުން އެ ސިނަމާގައި ދެއްކީ އާ ޑައިރެކްޓަރު މޮވަނު ޝަފީގުގެ 'ދޯދި' އެވެ. އެ ފިލްމުގެ ޝޯތައް ދެއްކީ ޖެނުއަރީ 28 އިން މިދިޔަ މަހުގެ 15 އާ ހަމައަށެވެ.