Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ބިދޭސީން މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ

އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީން މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމުން ބުނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 5 ފިރިހެނުންނެވެ. އަދި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭނެ ކަމަށެވެ.