ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އަމާޒުކޮށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމާލި ވަގުތު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުކުރާ އަދި އެ ނިޒާމުގެ ތެރެއިން ވަރަށް ބޮޑަށް ބޭނުންވާ ނިޒާމެއް ކަމަށެވެ.
"ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި އަދި ސިޓީތަކުގައި ކުރަންހުރި ކޮންމެ ކަމަކީ، ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ ކަންކަން ކަމަށާއި ކައުންސިލްތަކުގައި ސަރުކާރަށް މި ކަންކަމުގައި އެއްބާރުލުން ދޭނެ ބޭފުޅުން ތިބުން މުހިއްމު ވަނީ އެހެންވެގެން ކަމަށެވެ.
"އެހެންވީމަ ރައްޔިތުންގެ ގާތުގައި އަޅުގަނޑުމެން މި އެދެނީ މިކަމުގައި ހުރިހާ ސިޓީތަކާއި ހުރިހާ ކައުންސިލްތަކާއި އަޅުގަނޑުމެންގެ ކެންޑިޑޭޓުން އަދި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިތަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް، އެކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރި ހުރިހާ ވައުދުތައް ފުއްދެވުމަށް، ވަަރަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި، މި ސަރުކާރާއި ވާރުތަވި އިގްތިސާދީ ގޮންޖެހެންތަކުންވެސް އަރައިގަނެގެން ވަރަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވައި، ކުުރެވެމުންދާ ކަަމަށެވެ. އަދި މިކަންކަން މިހާރު ގޮސްފައި އޮތް ހިސާބުން ދެން ކުރިއަށް އޮތް ދުވަސްތަކަށް ފުރިހަމަކޮށް ނިންމާލުމަށްޓަކައި، ކައުންސިލް ނިޒާމްގެ ތެރެއިން ބޭނުންވާ ސަޕޯޓް ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެ ނިޒާމްގެ ތެރެއިން އެ ސަޕޯޓް ދޭނީ، އެ ނިޒާމްގެ ތެރެއިން ސަޕޯޓް ދޭން އެއްބާރުލުން ދޭނެ ބަޔަކު އެތާ ތިބިއްްޔާ. އެހެންވީމަ ވަރަށް އިހުލާސްތެރިކަމާއި އެކީގައި ވަރަށް ހެޔޮ ނިޔަތުގައި ވަރަށް ޒިންމާދާރުކަމާއެކު އެ މަސައްކަތް ކުރަން ބޭނުންވާތީ އަޅުގަނޑު ރައްޔިތުންގެ ގާތުގައި މިކަމުގައި އެއްބާރުލުން ދެއްވުމަށް، މިކަމުގައި އަޅުގަނޑަށް އިތުބާރުކޮށް މާލެ އާއި ހުރިހާ ރަށްރަށާއި، ސިޓީތަކުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިތަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް،". ރައީސް ވިދާޅުވި އެވެ.