Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

އިމްތިއާޒްގެ އާ ފިލްމު ޖޫންގައި

ރީތި އަދި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިއާޒްގެ އަލީގެ އާ ފިލްމު "މޭ ވާޕަސް އާއޫގާ" ގެ ޓީޒާ ދައްކާލައި ފިލްމު ރިލީޒްކުރާ ތާރީހު ވެސް މިއަދު އިއުލާންކޮށްފި އެވެ.

އެޕްލޯސް އެންޓަޓައިންމަންޓާ ގުޅިގެން ހަދާފައިވާ މި ލޯބީގެ ފިލްމުގެ ސިނަމާތަކަށް ދޫކޮށްލަން ނިންމީ ޖޫން 12 ގަ އެވެ.

"މޭ ވާޕަސް އާއޫގީާ" ގެ ލީޑް ކާސްޓުންނަކީ އަރަމުން އަންނަ ޒުވާން ތަރިން ކަމަށްވާ ވެދާންގް ރައިނާ އާއި ޝަރްވާރީ ވާގްގެ އިތުރުން ދިލްޖީތު ދޮސަންޖަނާއި ނަސީރުއްދީން ޝާހެވެ. އޭއާރް ރަހްމާންގެ މިއުޒިކް ހިމެނޭ މި ފިލްމުގެ ޓީޒާ އިން ފެންނަ ގޮތުގައި ވެދާންގް އާއި ދިލްޖީތުގެ ރޯލަކީ އެއް ކެރެކްޓާއެކެވެ. އެއީ ދެ ދައުރެއް ދައްކުވައިދޭ ގޮތަށެވެ.

އިމްތިއާޒަކީ މިހާތަނަށް ވަރަށް ތަފާތު ލޯބީގެ ވާހަކަތަކެއް އޭނަގެ ފިލްމުތަކުން ކިޔައިދީފައިވާ ޑައިރެކްޓަރަކަށްވާތީ "މޭ ވާޕަސް އާއޫގާ" އަކީ ވެސް ބެލުންތެރިންގެ ހިތްތަކާ ކުޅެލާ ކަހަލަ އަސަރު ގަދަ ވާހަކައެެއް ކިޔައިދޭނެ ފިލްމަކަށްވާނެ ކަމަށް ޓީޒާ އިން ދައްކުވައިދެ އެވެ.

އިމްތިއާޒަކީ ހިޓްތައް ކަމަށްވާ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ދިލްޖީތާއި ޕަރިނީތީ ޗޯޕްޅާގެ 2024 ގެ "އަމަރު ސިންގް ޗަމްކީލާ" އެވެ.