މި ބަރަކާތްތެރި ރޭގެ މަތިވެރިކަމާއި މާތްކަން ބަޔާން ކުރެއްވުމަށް، މުޅި ސޫރަތެއް (ސޫރަތުލް ޤަދުރި) މާތް ﷲ تعالي ބާވައިލައްވައިފައިވުމުން އެކަނި ވެސް މިރޭގެ މަތިވެރިކަން ވަޒަންކޮށްލެވެ އެވެ. ހަމައެހެންމެ، ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވީ ވެސް މި މަތިވެރި ރޭގަ އެވެ.
މާތް ﷲ تعالي ވަޙީކުރައްވައިފައިވެ އެވެ.
﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ * وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ * لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ * تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ * سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ﴾ (سورة القدر 1-5)
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ. އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ."
ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމުގެ ބޭނުމުގައި، ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އަޅުގަނޑުމެންނަށް އުނގަންނައިދެއްވާފައެވެ. މި ރޭގައި މާތް ﷲ އަށް އަޅުކަންކޮށް، އެ ރޭ ދިރުވައިފި މީހަކަށް، އެ ރޭ ނުހިމެނޭ ގޮތަށް އެއްހާސް މަސް ދުވަހު އަޅުކަން ކުރުމުގެ އަޖުރު ލިބިގެންވެއެވެ.
ލައިލަތުލް ޤަދުރި ވިލޭރޭ ދިރުވާނީ ކިހިނެއް ހެއްޔެވެ؟ މި ބަރަކާތްތެރި ރޭ ދިރުވުމަކީ ތަފާތު އެކި ބާވަތްތަކުގެ އަޅުކަންތަކާއި ކިޔަމަންތެރިކަމުގައި ވަގުތު ހޭދަކުރުމެވެ.
އޭގެ ތެރޭގައި:
1. ފަރުޟު ނަމާދުތަކާއި، ސުންނަތް ނަމާދުތަކާއި، ދަމުނަމާދު ފަދަ ސުންނަތް ނަމާދުތައް ކުރުން.
2. ކީރިތި ޤުރްއާން ތިލާވަތުކުރުން.
3. މާތްﷲ ތަޢާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކުރުކުރުން.
4. ޞަދަޤާތް ދިނުން.
5. އިޢުތިކާފަށް އިނުން.
6. މާތް ﷲގެ މަގަށް ދަޢުވަތު ދިނުން.
މީގެ އިތުރުން، މި ރޭގައި ގިނަގިނައިން ދުޢާކުރުމާއި، މަޑުމޮޅިކަމާއެކު މާތްﷲގެ ޙަޟްރަތުގައި ދަންނަވައި އާދޭސްކުރުމަކީ ސުންނަތްވެގެންވާ މަތިވެރި ކަމެކެވެ.
ނޯޓް: ޝެއިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުކެވެ.