Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އަލިފާނުގެ ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް ދިގުރަށަށް

ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ފެންނަ ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް

އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިއަދު އެ ރަށަށް ގޮސްފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު، ރޭ 01:57 ހާއިރު ލިބުނު ކަމަށާއި މި ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58 ހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށާއި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުނުއިރު، ހާލު ދެރަ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝް ރައްޔިތުންނެވެ.

އާންމުންނާއި ފުލުހުން ގުޅިގެން ކުރެވުނު މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް 02:30 ހާއިރު ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް މައްސަލައިގެ ތަހުގީގު ފަށައި މި ހާދިސާގެ މައުލޫމާތު މޭޖަރ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާކުރެވިފައިވާ ކަމަށާއި އެގޮތުން، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމު މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.