ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ ވެސް ރިފޯމް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އަމާޒުކޮށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމާލި ވަގުތު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސަރުކާރުގެ ރިފޯމް އެޖެންޑާގެ ބައެއް ކަމަށާއި އެގޮތުން ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިޔުމަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ.
މަޖިލީހުގެ އިތުރުން ޖުޑިޝަރީ ރިފޯމް ކުރުންވެސް ކުރިއަށް އެބަ އޮތް ކަމަށާއި ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުމަށް މީގެ ކުރިންވެސް 'ޑިޒައިން' ކުރެވިފައި އޮތް ގޮތް ގާނޫނީ ނިޒާމުގެ ތެރެއިން ބަދަލު ގެނެސް ޖުޑިޝަރީ ނިޒާމަކީވެސް މިހާރަށް ވުރެ ނުފޫޒު ފޯރުވުން ކުޑަ ކުރެވިފައިވާ، މިނިވަން ނިޒާމަކަށް ހެދުމަށްޓަކައި ކުރަން ޖެހޭކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޮޑު ރިފޯމް ޕެކޭޖެއްގެ ތެރެއިން، ގައުމަށް އިސްލާހު ގެނައުމަށްޓަކައި ކުރެވޭ ކަންކަމުގެ ތެރެއިން މިއޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްވެސް ރައްޔިތުން ގާތުގައި އެހުމަށް ހުށަހެޅިފައި. މިއަދާ ހަމައަށް އައިއިރުވެސް ރިފޯމް އެތައް ކަމެއް މިއައީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.