އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުން ތަޖުރިބާކުރުން މުހިއްމު ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ދިޔާނާ ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ހުއްޖަތަކީ ގަބޫލުކުރެއްވޭ ވާހަކަފުޅެއް ނޫން ކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީކުރެވޭ ފަދަ ނަތީޖާ ނެރެވޭ މަޖިލީހެއް ލިބިގަތުމަކީ މިހާރު މި ގައުމަށް އޮތް އެންމެ މުހިއްމު މަސައްކަތް ކަމަށް ދިޔާނާ ވިދާޅުވި އެވެ.
އަދި ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިއްމު އިސްލާހުތަކުގެ ގޮތުގައި ސުއޫދު ފާހަގަކުރެއްވި ކަންކަން ހަގީގަތަކަށް ނުވެ އޮތް މައިގަނޑު ސަބަބަކީ ނަތީޖާ ނެރެވޭ ހަރުދަނާ ރައްޔިތުންގެ މަޖިލީހެއް ނެތުންކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ މިހާރު މި އަމަލުކުރަމުންދާ ގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ މެދުގައި ހަ މަސްދުވަހުގެ ވަގުތެއް ބާއްވައިގެން ފާއިތުވި 15 އަހަރު ބޭއްވި އެއްވެސް މަޖިލިސް އިންތިހާބަކުން ސަރުކާރު ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބިފައި ނެތް ކަމަށެވެ.
ދިޔާނާ ވިދާޅުވި ގޮތުގައި ފާއިތުވި 15 އަހަރުގެ ތަޖުރިބާއަށް ބަލާއިރު ވަކި ދެ ތާރީހެއްގައި މި ދެ އިންތިހާބު ބޭއްވުމުގެ ނިޒާމު ނުވަތަ ސްޓެގާޑް އިލެކްޝަންސްގެ ނިޒާމަކީ ރާއްޖޭގެ ސިޔާގުގައި ފެއިލްވެފައިވާ ނިޒާމެއް ކަމުގައި ބަލަންޖެހޭ ކަމަށެވެ.
އެގޮތުން އެ ނަތީޖާއަށް ރިއާޔަތްކުރާއިރު އެކަން އިސްލާހުކުރުމަށްޓަކައި ލިބެންހުރި ހުރިހާ އިހުތިޔާރުތައް ބެލުމަކީ މިހާރު ލާޒިމުވާ ކަމެއް ކަމަށެވެ. އެމަގުން އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ތަޖުރިބާކުރުން މުހިއްމު ކަމެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުތައް ބޭއްވުމަށް ހިނގާ އިދާރީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވި، ދައުލަތުވެ ވަސީލަތްތައް އިންތިހާބު ކާމިޔާބުކުރުމުގެ ބޭނުމުގައި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތުވެސް ކުޑަވާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.