Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

އަބީޝެކް އަލަށް ބިރުވެރި ފިލްމެއް ކުޅެނީ

އަބީޝެކް ބައްޗަން ބިރުވެރި ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ ފިލްމަކީ އޭނަ ކާސްޓްގައި ވެސް ހިމެނޭ ޝާހްރުކް ޚާންގެ 'ކިންގް' ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު މާފްލިކްސް ޕިކްޗާސް އިން ހަދަން ނިންމާފައިވާ ކަމަށެވެ.

ބޮލީވުޑު ހަންގާމާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަބީޝެކްގެ ބިރުވެރި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދަން ހަމަޖެހިފައިވާ، ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ހިމެނޭނެ ފިލްމެކެވެ. އަދި މި ފިލްމުގެ ޝޫޓިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެކަމަކު ފިލްމު ޑައިރެކްޓްކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ޕްލޮޓް އެނބުރޭނީ ބައްޕައަކާއި އަންހެން ދަރިޔަކާ ދެމެދު އޮންނަ ގުޅުމެއްގެ ވަށައިގެންނެވެ.

ސިދާތު މިހާރު ހަދަމުން އަންނަ 'ކިންގް' ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެންބަރު 24 ގަ އެވެ.

މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ކާލީދާރު ލާޕަތާ' އެވެ.