ލ. ގަމު ރީޖަނަލްގެ ސީޓީ ސްކޭންގެ ޚިދުމަތްތައް އަނެއްކާ ވެސް ހުއްޓިއްޖެ އެވެ.
އެގޮތުން ސީޓީ ސްކޭނާއި އަލްޓްރާ ސައުންޑްގެ ސްކޭން މިދިޔަ މަހުން ފެށިގެން ވަނީ ހުއްޓުމަށް އައިސްފަ އެވެ.
މިކަމާއި ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާންއާ ހަވާލާދީ ލާމުއެމްވީން ބިނީ ވިދާޅުވީ ސީޓީ ސްކޭން މެޝިނެއް އެސްޓީއޯ އިން އަންނަ ހަފުތާގެ ކުރިން ޑިސްޕެޗް ކުރާނެ ކަމަށް ބުނެފައިވާ ކަމަށެެވެ. ހަންނާން ވިދާޅުވި ގޮތުގައި ސީޓީ ސްކޭންގެ މައްސަލަ ދިމާވީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި އަލްޓްރާ ސައުންޑްގެ ސްކޭންގެ މައްސަލަ ދިމާވީ މިދިޔަ މަހުގެ 22 ގަ އެވެ.
ހަންނާން ވިދާޅުވެފައި ވަނީ ސްކޭންގެ ހިދުމަތްތައް އަންނަ ހަފުތާ ތެރޭގައި އަލުން ފެށޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގެ އަލްޓްރާ ސައުންޑް ސްކޭން މެޝިނަކީ މިދިޔަ އަހަރު ނޮވެމްބަރު 22 ގައި ގެންދިޔަ މެޝިނެކެވެ. އަދި ގެންދިޔަތާ ތިން މަހެއްހާ ދުވަހުގެ ތެރޭގައި މައްސަލަތައް ދިމާވާން ފެށި އެވެ. ސީޓީ ސްކޭން މެޝިނުގައި މަައްސަލަ ޖެހި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ހިދުމަތް މެދުކެނޑުނެވެ.