އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން އިތުރު ކުރަމުންދާ ވަޒީފާތަކާއި، އެހެނިހެން ބޭކާރު ޚަރަދުތައް އެއްކޮށް ހުއްޓާލައި، އިންތިޚާބު ކުރިއަށް ގެންދާއިރު ވީހާ ވެސް ޚަރަދު ކުޑަކޮށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ޙާލަތުގައި ޤައުމީ މަސްލަޙަތު އިސްކޮށް، ޞައްޙަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަ ކުރަން ޖެހޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ މީގެ ކުރިން ކޮވިޑް19 ގެ ދަތި ދުވަސްތަކާ ކުރިމަތިލައި، އެ ދުވަސްތަކުން ގިނަ ތަޖުރިބާތަކެއް ދިވެހިން ކޮށްފައިވާ ކަމަށެވެ. އަދި އެ އެ ދުވަހުގެ ދަތި އަދި ނާޒުކު ޙާލަތުން އަރައި ގަނެވުނީ، ޚަރަދު ކުޑަ ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު، ރައްޔިތުންގެ ހިތްވަރުން ކަމަށް ވިދާޅުވި އެވެ.
އަދި މިހާރު މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަމުންދާ އިރު، ކުރިއަށް އޮތީ ޔޫރަޕުގެ ހޫނު މޫސުމަށްވެފައި، މި ދުވަސްވަރަކީ ޓޫރިޒަމް އާމްދަނީ ދަށް ވާނެ ދުވަސްވަރެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ހަމައެކަނި ފަތުރުވެރިން އަދި ފްލައިޓުތައް އިތުރުވާނެ ކަމުގެ އުންމީދުގައި ނުތިބެ، ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދަން ޖެހޭ، "އެ މަނިކުފާނު ވިދާޅުވި އެވެ. "ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ދަތިކަމާއެކު، މި ދަނޑިވަޅަކީ ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އިސްކުރަން ޖެހޭ ވަގުތު. ކުރިމަތީގައި އޮތީ ކިހާ ދަތި ދުވަސް ތަކެއްކަން ދެނެގަންނަން ވެސް އުނދަގޫ."
ފައިސަލް ވިދާޅުވީ މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އަންނަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.
"އަޅުގަނޑުމެންނަކީ އަސާސީ ތަކެއްޗަށް މުޅިން އެހެން ޤައުމު ތަކަށް ބަރޯސާވެފައި އޮންނަ ޤައުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. އެ"ހެންކަމުން ތެލާއި، ގޭހާއި، ކާބޯތަކެތި އަދި ބޭސް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ ގޮތް ޔަޤީން ކުރެވިފައި އޮންނަން ވާނެ."