Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

މެދުއިރުމަތީގައި ދިވެހި 75 ދަރިވަރަކު އެބަތިބި

ހަމަނުޖެހުން ބޮޑުވެފައިވާ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ރާއްޖޭގެ 75 ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދާ ކަމަށާއި އެ ކުދިންގެ ހާލަތު ބަލަމުން އަންނަ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު އަލީ ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީން ނެރެފައިވާ އެޑްވައިޒަރީތައް ވެސް މެއިލް މެދުވެރިކޮށް ދަރިވަރުންނަށް ފޮނުވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގެ ފަސް ޤައުމެއްގައި 75 ދަރިވަރުން ކިޔަވަމުން ގެންދާ އިރު، އެ ކުދިންނާ އެންމެ ކައިރީގައި ހުރި ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީވާން ވެސް އެދިފައިވާނެ ކަމަށެވެ.

ހައިދަރު ވިދާޅުވީ، ދަރިވަރުންނާ މުއާމަލާތް ކުރުމަށްޓަކައި މިނިސްޓްރީން ހެލްޕް ލައިނެއް ވެސް ޤާއިމްކޮށްފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ޖޫރިމަނާއަކާ ނުލައި އަލުން ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމެވެ. އަދި ބައެއް ޔުނިވަސިޓީތަކުގެ ޗުއްޓީ ދުވަސްވަރު ދިނުމާ ގުޅިގެން ރާއްޖެ އަންނަން ބައެއް ދަރިވަރުން ބޭނުންވާ ކަމަށާއި އެކަމަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މެދުއިރުމަތީގައި ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން:

* މިސްރު: 40 ދަރިވަރުން
* ޔޫއޭއީ: 21 ދަރިވަރުން
* ތުރުކީ: 10 ދަރިވަރުން
* ސަޢުދީ އަރަބިއްޔާ: 2 ދަރިވަރުން
* މިސްރުގައި އަމިއްލަ ގޮތުން ކިޔަވާ 2 ދަރިވަރަކު

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަންކަން ގާތުން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީ އެކުލަވާލެއްވީ މިދިޔަ މަހުގެ 28 ގަ އެވެ. މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި، ނުވަ މިނިސްޓަރުންގެ މައްޗަށް އެކުލަވާލި ކޮމިޓީއެކެވެ.