މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ހެދި ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ރައްކާ ކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ. އެއީ އެންމެ 20 ދުވަހުގެ ސްޓޮކެއް ކަމަށް ވިދާޅުވި އެވެ.
"އެހެންވެ] ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަަތު ބޮޑު،" ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ވަނީ ތެލަށް ޖެހުމުގެ ކުރިން އެޅިދާނެ ބައެއް ފިޔަވަޅުތަކެއް ވެސް ހީއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިވަގުތު ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަނެ، ކަރަންޓު ކަނޑާ ގަޑި ކަނޑައަޅައި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލްކޮށް، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އިޖުތިމާއީ ހަރަކާތްތައް މަދުކޮށް، މަސްވެރިކަމާއި ރިސޯޓްތަކަށް ތެޔޮ ކަށަވަރުކޮށް، އޭވިއޭޝަން ފިއުލް ކަށަވަރުކޮށް، ހުޅަނގު އޭޝިއާ ހުރަސް ކުރަން ނުޖެހޭ މަތިންދާ ބޯޓު އަދި ކަނޑު ބޯޓުފަހަރުގެ ރޫޓްތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އިން މިހާރު ވެސް ތެލުގެ އަގުބޮޑުކޮށްފައިވާ އިރު، ތެލަށް އިތުރަށް ކުރަން ޖެހޭ ހަރަދަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.