Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

'ސަރުކާރު 4' އަންނަ މަހު ފަށަނީ

އިންޑިއާގެ ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާގެ ޕޮލިޓިކަލް ކްރައިމް ޑްރާމާ 'ސަރުކާރު' ފްރެންޗައިޒްގެ ހަތަރު ވަނަ ބައިގެ މަސައްކަތް އަންނަ މަހު ފަށަން ނިންމާލައިފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނި އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު އެެއްވެސް ތަފުސީލެއް ނުދެ އެވެ. މި ފްރެންޗައިޒްގެ އާންމު މޫނަކީ ވަރުގަދަ ސިޔާސީ ކެރެކްޓާއެއް ކުޅޭ އަމީތާން ބައްޗަނެވެ.

އޭނަ އާއި ދަރިފުޅު އަބީޝެކް ބައްޗަން ވެސް ހިމެނޭ ގޮތަށް 2005 ގައި 'ސަރުކާރު' ގެނެސްދިނުމަށް ފަހު ދެވަނަ ބައި 'ސަރުކާރު ރާޖް' ގެނެސްދިނީ 2008 ގަ އެވެ. އަދި 'ސަރުކާރު 3' ރިލީޒްކުރީ 2017 ގަ އެވެ.

ރަންގީލާ އާއި ސަތިއާ އާއި ކޮމްޕެނީ އަދި ބޫތު ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ތެލެގޫ ބައޮގްރިކަލް ޕޮލިޓިކަލް ތުރިލާ 'ވިހޫއަމް' އެވެ.