اسْمِ اللهِ، وَالْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُوْلِ اللهِ. أَمَّا بَعْد:
އިބްނު ޢައްބާސް رضي اللهُ عنهما ގެ ކިބައިން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވި އެވެ:
«كان رسولُ الله ﷺ أجودَ الناس، وكان أجودَ ما يكون في رمضان حين يلقاه جبريل، وكان يلقاه في كلِّ ليلةٍ من رمضان فيدارسه القرآن، فلرسولُ الله ﷺ أجودُ بالخير من الريح المرسلة» متفق عليه.
މާނައީ: “މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ފަރާތަކީ ރަސޫލާ ﷺ އެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތި ވެވަޑައިގަންނަވަނީ ރަމަޟާންމަހުގައެވެ. އެއީ އެކަލޭގެފާނު ޖިބްރީލްގެފާނާ ބައްދަލުކުރައްވާ ހިނދުގައެވެ. ރަމަޟާންމަހުގެ ކޮންމެ ރެޔަކު ޖިބްރީލްގެފާނު ބައްދަލުކުރައްވައި ޤުރުއާން މުދާރަސާކުރައްވައެވެ. (އެބަހީ ޤުރުއާން ކިޔަވައި މުރާޖަޢާކުރައްވައެވެ.) ފަހެ ހަމަކަށަރުން (ވިއްސާރަ ވިލާގަނޑަކައިގެން) ފޮނުވޭ ވައިރޯޅިއަކަށް ވުރެ ވެސް، އެކަލޭގެފާނު ދީލަތި ވެވަޑައިގަންނަވައެވެ.”
މި ޙަދީޘަކީ ކޮންމެ ވަޤުތަކު ވެސް ހޭދަކުރުމަށް، އަދި ވަކިން ޚާއްޞަކޮށް ރަމަޟާން މަހު އިތުރަށް ހޭދަކުރުމަށް ބާރުއަޅުއްވާފައި ވާ ޙަދީޘެކެވެ. އެހެނީ އިބްނު ޢައްބާސް رضي اللهُ عنهما އަހަރުމެންގެ ނަބިއްޔާ ﷺ ޞިފަކުރައްވާފައި މި ވަނީ ހޭދަކުރައްވާ ދީލަތިބޭކަލެއްގެ ގޮތުގައެވެ. އަދި ރަމަޟާން މަހު އެކަލޭގެފާނުގެ ހޭދަކުރެއްވުމާއި ދީލަތިކަން އެހެން ހުރިހާ ވަޤުތުތަކަށް ވުރެ އިތުރު ވާ ކަމަށެވެ. ދެން އެކަލޭގެފާނުގެ ދީލަތިކަން ޞިފަކުރައްވާފައި މި ވަނީ، (ވިއްސާރަ ވިލާގަނޑަކައިގެން) ފޮނުވޭ ވައިރޯޅިއެއްގެ ޞިފައިގައެވެ.
މީގެ މާނައަކީ އެކަލޭގެފާނުގެ ދީލަތި ވެވަޑައިގެންނެވުމުގައި، ބާރަށް ޖެހޭ ވައިރޯޅިއަކަށް ވުރެ ވެސް ހަލުވިވެފައި އަވަސްކަމެވެ. “ފޮނުވޭ ވައިރޯޅި” މި ފަދައިން ޢިބާރަތްކުރުއްވުމުގެ ބޭނުމަކީ، އެކަލޭގެފާނުގެ ދީލަތި ވެވަޑަގެންނެވުމަކީ ރަޙުމަތާ އެކު މެދުކެނޑުމެއްނެތި ފެތުރިގެންދާ ދީލަތިވުމެއްކަމާއި، އޭގެ މަންފާ ހުރިހާ އެންމެންނަށް ޢާންމުވެގެންވާކަން އަންގައިދިނުމަށެވެ. އެއީ (ވިއްސާރަ ވިލާގަނޑަކައިގެން) ފޮނުވޭ ވައިރޯޅި ހުރިހާ އެންމެންނަށް ޖެހޭ ފަދައިންނެވެ.
ދީލަތިވުމަކީ އޯގާވެރިކަމާ އެކު ގިނަގިނައިން ހޭދަކުރުމެވެ. މީގެ ތެރެއަށް ޞަދަޤާތްކުރުމާއި، ހުރިހާ ހެޔޮކަމަކާއި އިޙްސާންތެރިވުމެއް ވަންނާނެއެވެ. މި ޙަދީޘުން ލިބިދޭ ފިލާވަޅަކީ ހުރިހާ ވަޤުތަކު ވެސް ދީލަތިވުމަށް ބާރުއެޅުމާއި ޚާއްޞަކޮށް ރަމަޟާން މަހު ދީލަވިތުން އިތުރުކުރުމެވެ. އެހެނީ އެ މައްސަރުގައި ދީލަތިވުމުގެ މަތިވެރިކަމާއި ފައިދާ ގިނަގުނަވެގެންވާތީއެވެ.
އަނަސް رضي اللهُ عنه ގެ ކިބައިން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:
«ما سُئِل رسولُ الله ﷺ على الإسلام شيئًا إلا أعطاه»، قال: فجاء رجل فأعطاه غنمًا بين جبلين، فرجع إلى قومه فقال: يا قوم، أسلموا، فإن محمدًا يعطي عطاءً لا يخشى الفاقة» متفق عليه.
މާނައީ: “އިސްލާމުދީނުގެ ނަމުގައި ރަސޫލާ ﷺ ގެ އަރުހައި ކަމަކަށް އެދިއްޖެ މީހަކަށް، އެ ކަމެއް ނުކޮށްދެއްވާ ދޫކޮށްނުލައްވައެވެ.” ވިދާޅުވިއެވެ: އެއްފަހަރަކު މީހަކަށް ދެ ފަރުބަދައެއް ދެމެދުގައި ވާހާ ބަކަރިތައް ދެއްވިއެވެ. ދެން އެ މީހަކު އެނބުރި ރަށަށް ގޮސް ބުންޏެވެ. ތިމަންނަގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން އިސްލާމުވާށެވެ. ފަހެ ހަމަކަށަވަރުން މުޙައްމަދުގެފާނު އެ ދެއްވަނީ ފަޤީރުވެދާނެކަމަށް އެއްވެސް ބިރެއް ނުގަންނަ މީހަކު ދޭ ފަދަ ދީލަތި ދިނުމެކެވެ.”
އެހެންކަމުން ކޮންމެ އިންސާނަކު ވެސް އޭނާގެ ނަބިއްޔާ ﷺ ގެ ކިބައިން ނަމޫނާ ލިބިގަނެ، ފަޤީރުންނާއި ބޭނުންޖެހިފައި ވާ މީހުންނަށް ޞަދަޤާތްކުރަން ޖެހެއެވެ. އަވަށްޓެރިންނަށް އޯގާތެރިވެ، ރަޙިމުގެގުޅުން ދަމައްހައްޓާ، ހެޔޮކަންކަމަށް ހޭދަކުރަން ޖެހެއެވެ.
އިމާމު ޝާފިޢީ ވިދާޅުވިއެވެ: “ރަސޫލާ ﷺ އަށް ތަބަޢަ ވެވަޑިގަތުމުގެ ގޮތުން ރަމަޟާން މަހު ހޭދަކުރުމާއި ދީލަތިވުމުގައި އިތުރުކުރުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ. އަދި އެއީ އެ މައްސަރަކީ މީސްތަކުން އެ މީހުންގެ ބޭނުންތަކަށް އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައި ވާ މަހަކަށް ވާތީއެވެ. އަދި އެއީ ރޯދަ ހިފުމާއި ނަމާދުކުރުމުގައި މަޝްޣޫލުވުމުގެ ސަބަބުން، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ގިނަ ބަޔަކަށް ދަތިވާތީއެވެ.”
މީހާގެ ހިތުގައި ހޭދަކުރުމުގެ ޝައުޤުވެރިކަން އުފައްދައިދޭ އެއް ކަމަކީ، ރޯދައަށް ހުރުމުގެ ސަބަބުން ﷲ ދެއްވާފައި ވާ ނިޢުމަތްތަކުގެ މަތިން ހަނދާންވުމެވެ. މީހާ ބޭނުންވާ ތަކެތި ފަސޭހަކަމާ އެކު ލިބޭނެ މަގު ﷲ ފަހިކޮށްދެއްވާފައި ވާ އިރު، އަސާސީ ބޭނުންތައް ނުފުދި ތިބި ފަޤީރު އަޚުންގެ މަތިން ހަނދާންކޮށް، އެ މީހުންނަށް ޞަދަޤާތާއި އިޙްސާންތެރިކަމުގެ އަތެއް ދިއްކޮށްލުމެވެ.
ސަލަފުންގެ ބޭކަލުން މީސްތަކުންނަށް ކާންބޯންދިނުމަށާއި، ރޯދަވެރިން ބަނޑުފުރޭވަރަށް ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ނުހަނު ބޮޑަށް އިސްކަންދެއްވިއެވެ. އަދި ކިއެއް! އޭގެ ތެރެއިން ބައެއް ބޭކަލުންނަކީ އަމިއްލަފުޅަށް ރޯދައަށް ހުންނަވާ އިރު ވެސް، އަމިއްލަ ރޯދަވީއްލުން އެހެން މީހުންނަށް ދެއްވައި އުޅުއްވި ބޭކަލުންނެވެ. އޭގެ ތެރޭގައި ޢަބްދުﷲ ބުނު ޢުމަރު رضي اللهُ عنهما، ދާވޫދު އައްޠާއީ، މާލިކު ބުނު ދީނާރު އަދި އަޙްމަދު އިބްނު ޙަންބަލް ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. رحمهم الله.
ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: “ރަމަޟާން މަހު ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށް ދީގެން ހެޔޮ ފޯރުކޮށް ދިނުމަކީ އިސްލާމުކަމުގެ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ.”
ރަމަޟާން މަހު ޞަދަޤާތް ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި: ކާބޯތަކެތި ތައްޔާރުކޮށް ފަޤީރު ޢާއިލާތަކަށް ފޯރުކޮށްދިނުން ނުވަތަ ރޯދަވީއްލުމަށް ދަޢުވަތު ދިނުން ފަދަ ކަންކަން ހިމެނެއެވެ. ފައިސާ ނުވަތަ ހެދުން ނުވަތަ މި ނޫން ވެސް ފަޤީރުމީހާއަށް ފައިދާ ހުރި އެހެން ކަމެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ފޯރުކޮށް ދޭނީއެވެ. އެހެނީ ބޭނުމަކީ އެ ފޯރުކޮށްދޭ މީހާ އެ އެއްޗަކުން ފައިދާ ޙާޞިލުކުރުމެވެ. އެހެންކަމުން މި ބޭނުން އެންމެ ފުރިހަމައަށް ޙާޞިލު ކުރެވޭނެ މަގެއް ބަލައި ހޯދާނީ އެވެ. އިޙްސާންތެރިންގެ އަޖުރު ﷲ ގެއްލެނި ނުކުރައްވާނެ އެވެ.
اللَّهُمَّ طَهِّرْ قُلُوبَنَا مِنَ النِّفَاقِ، وَأَعْمَالَنَا مِنَ الرِّيَاءِ، وَأَلْسِنَتَنَا مِنَ الْكَذِبِ، وَأَعْيُنَنَا مِنَ الْخِيَانَةِ؛ فَإِنَّكَ تَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ. وَاغْفِرِ اللَّهُمَّ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.
ޔާ ﷲ! އަޅަމެންގެ ހިތްތައް ނިފާޤުކަމުން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންގެ ޢަމަލުތައް ދެއްކުންތެރިކަމުން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންގެ ދޫތައް ދޮގުވެރިކަމުން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންގެ ލޯތައް ޚިޔާނަތްތެރި ބެލުންތަކުން ސަލާމަތްކުރައްވާނދޭވެ! ފަހެ ހަމަކަށަވަރުން އިބަ އިލާހު، ލޯތަކުގެ ޚިޔާނަތްތެރި ބެލުންތަކާއި ނަފުސުތަކުގައި ފޮރުވިފައި ވާ ކަންތައްތައް މޮޅަށް ދެނެވޮޑިގަންނަވަމުއެވެ. އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ! އާމީން.
މަޞްދަރު: އިލްމު.އެމްވީ