އައްޑޫ ސިޓީޣައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ނަޖާހު ވިދާޅުވީ މިކަމާ ގުޅޭ ލިޔެކިޔުންތައް އައްޑޫ ސިޓީ ކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ބިން ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
"އޭރުން ފެނަކައިގެ އެކިއެކި އޮފީސްތައް ހުންނަ ފަދައިން ޓްރެއިނިން ސްކޫލެއް އެޅުމާ އެކީގައި ފެނަކައިގެ ހުރިހައި ޓެކްނިކަލް ޓްރެއިނިންތަކެއް އެއީ ފެނާއި ނަރުދަމާއާ ރިލޭޓެޑްވިއަސް ނުވަތަ ކަރަންޓާއި ރިލޭޓެޑްވިއަސް ނުވަތަ ސޯލާއާއި ރިލޭޑެޓްވިއަސް މި ހުރިހައި ދާއިރާތަކެއްގެ ޓެކްނިކަލް ޓްރެއިނިންގ އަޅުގަނޑުމެން އައްޑޫ ޓްރެއިނިން ސްކޫލުން ދޭނެ،" ނަޖާހު ވިދާޅުވި އެވެ.
މި މަޝްރޫއު ކުރިއަށްގެންދަން ބޭރުގެ ކުންފުންޏަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ އޮތޮރައިޒްޑް ޓްރެއިނިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި ސްކޫލް ވެގެންދާނީ ފެނަކަ މުވައްޒަފުންގެ ތަރައްގީގެ މައި ހަބަކަށް ކަމަށްވެސް ނަޖާހު ވިދާޅުވި އެވެ.
މި ސްކޫލާއެކު ފެނަކައިގެ މުވައްޒަފުންނަށް ތަމްރީނުތައް ލިބުމާއެކު އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވެސް ވަރަށް ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށް ނަޖާހު ވިދާޅުވި އެވެ. އަދި ޖަނަރޭޓަރުތައް ހަލާކުވާ މިންވަރު މަދުވެ، ޚިދުމަތް މެދުކެނޑޭ ވަގުތު ނުވަތަ ޑައުންޓައިމް ކުޑަކުރެވޭނެ ކަމަށާއި މީގެ އިތުރުން، މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ އިތުރުވެ، ކުންފުންޏަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ނަޖާހު ވިދާޅުވި އެވެ.