Last Updated: June 5, 11:07
Friday, June 5, 2026
ދުނިޔެ

'ޕެޓްރޯޑޮލަރު' ގެ މަރުގެ ރަނގަބީލު!

ސިއްސައިގެންދާ ފަދަ ޝަރުޠުތަކާއެކު އީރާނުން ހުރުމޫޒް ކަނޑުއޮޅި ހުޅުވަން ހުށަހަޅައިފި އެވެ.

ޝަރުޠަކީ "ހަމައެކަނި ސީނުކަރައިގެ ޔުއާންއިން ތެޔޮ ގަތުމެވެ!"

އެކުވެރިންނޭވެ! މި ހަނގުރާމައިގެ އެންމެ ނުރައްކާތެރި އަދި ގޮތް ނިންމާލަދޭނޭ ވާހަކަ އީރާނުން އެއޮތީ ބުނެފައެވެ. ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ ތެލުގެ ބާޒާރަށް އަދި، އެ ވާހަކަ ހަޖަމު ނުކުރެވުމެވެ.

އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ސީ.އެން.އެން އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ތެހެރާނުގެ ވިސްނުންހުރީ ބައެއް ތެޔޮ ޓޭންކަރުތަކަށް ހުރުމޫޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދިނުމަށެވެ. އެކަމަކު، އެއީ ޑޮލަރަކަށް ނޫނެވެ. ޔޫރޯއަކަށްވެސް ނޫނެވެ. ހަމައެކަނި ސީނުކަރައިގެ ޔުއާން އަށެވެ!

ދުނިޔޭގެ 20 އިންސައްތަ ތެޔޮ ބޭރުކުރާ، 33 ކިލޯ މީޓަރުގެ ކަނޑުގެ މަގު، އަދި އެމެރިކާއިން ބޮން އެޅި ޚާރިޤު ޖަޒީރާ، އީރާނުން ދުނިޔެއަށް ހުޅުވައިލަނީ އެންމެ ޝަރުޠެއްގެ މަތިންނެވެ. އެއީ ދުނިޔޭގެ ރިޒާވް ކަރަންސީ ބަދަލުކުރުމެވެ! މި ތާރީޚީ ޖިއޮޕޮލިޓިކަލް ސުނާމީގެ ޕޯސްޓްމޯޓަމެއް ހަދަމާ ހިނގާށެވެ!

މިއީ، 52 އަހަރުވީ އެމެރިކާގެ އަމްބަރާޠޫރިއްޔަތުގެ ޕެޓްރޯ ޑޮލަރުގެ ނިޒާމުގެ ނިމުމެވެ. އެމެރިކާއިން އެދަނީ ޕެޓްރޯ ޑޮލަރުގެ ނިޒާމުގެ ސަންދޯކަށް ޖަހަންޖެހޭ އެންމެފަހުގެ މޮހޮރުތައް ޖަހަމުންނެވެ. އެމެރިކާގެ ޢަސްކަރީ ޙިމާޔަތުގެ ބަދަލުގައި ސަޢޫދީ ޢަރަބިއްޔާއިން 1974 ވަނަ އަހަރު އެއްބަސްވެފައި ވަނީ، އެ ޤައުމުގެ ހުރިހާ ތެލެއް ހަމައެކަނި "އެމެރިކާ ޑޮލަރަށް" ވިއްކުމަށެވެ. އެދުވަހު 'ޕެޓްރޯ ޑޮލަރު' އުފަންވި އިރު، ފާއިތުވި 52 އަހަރު ދުނިޔޭގެ ހަކަތައާ ބެހޭ ވިޔަފާރި ބިނާވެފައި ވަނީ އެމެރިކާ ޑޮލަރުގެ މައްޗަށެވެ. ދުނިޔޭގައި ވިއްކާ ކޮންމެ ތެޔޮ ފީފާއެއް ވިއްކަނީ ޑޮލަރުންނެވެ.

ކޮންމެ ޤައުމެއްގެ މަރުކަޒީ ބޭންކުންވެސް އެ ބޭންކުގެ ރިޒާވްގައި ޑޮލަރު ބަހައްޓަން ޖެހެނީ ތެޔޮ ގަތުމަށް ޑޮލަރު ބޭނުންވާތީއެވެ. މިއީ، މިހާރު އީރާނުން ރައްދުކޮށްފައިވާ، އެމެރިކާގެ ޢާލަމީ މާލީ މަނައްސެރިކަމުގެ ނިޒާމު ބިނާކޮށްފައިވާ ގޮތެވެ. އަދި އީރާނުން ޚަލީޖުގެ އެންމެ މުހިންމު ކަނޑުގެ ހަތަރުއަނގޮޅި ހުޅުވުމުގެ ކައްފާރާއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ދުނިޔޭގެ ރިޒާވް ކަރަންސީ ކަމަށްވާ އެމެރިކާގެ ޕެޓްރޯ ޑޮލަރުގެ ބަދަލުކޮށް ޗައިނާގެ ޔުއާން ބޭނުންކުރުމަށެވެ.

މިއީ ސީނުކަރައިގެ ހިމޭން މާސްޓަރ ޕްލޭނެވެ. އެއީ، ސީ.އައި.ޕީ.އެސް ނުވަތަ "ކްރޮސް ބޯޑަރ ޕޭމަންޓް ސިސްޓަމް" އަދި ސީނުކަރައިގެ ހިމޭން ފްލީޓެވެ. ސީނުކަރައިން މިހާރުވެސް އެ މޮޑެލް ދަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ.

ސީނުކަރައަށް އެތެރެކުރާ އީރާނުގެ ތެލުގެ 80 އާއި 90 އިންސައްތަ ގަންނަނީ ޔުއާން އިން ނުވަތަ ޗައިނާގެ އަމިއްލަ ކްރޮސް ބޯޑަރ ޕޭމަންޓް ނިޒާމު ކަމަށްވާ ސީ.އައި.ޕީ.އެސް މެދުވެރިކޮށެވެ. ހަނދާން ކުރާށެވެ. ސީ.އައި.ޕީ.އެސް އިން 2025 ވަނަ އަހަރު 175 ޓްރިލިއަން ޔުއާން ނުވަތަ 24.5 ޓްރިލިއަން ޑޮލަރުގެ މުޢާމަލާތްތައް ކުރިއަށް ގެންދިޔައިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 43 އިންސައްތައިގެ އިތުރު ވުމެކެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ މުދާއުފުލާ ބޯޓުތައް ވަނީ ހުރުމޫޒް ކަނޑުއޮޅީގައި ތާށިވެފައެވެ. އަދި ބައެއް އުޅަނދުތައް ވަނީ އީރާނާއި، އެމެރިކާގެ ޙަމަލާތަކުގައި އަނދައި ބައު ދަގަނޑަށް ވެފައެވެ. އީރާނުގެ "ހިޔަނި ފްލީޓުން" ވަނީ އިސްލާމީ އިންޤިލާބީ ގާޑުންގެ ސަލާމަތީ ފިޔަވަޅުތަކާއެކު މަޑުމަޑުން 11.7 މިލިއަން އާއި 16.5 މިލިއަން ފީފާގެ ތެޔޮ ސީނުކަރައަށް ބަދަލުކޮށްފައެވެ.

ސީނުކަރައިން ފައިސާ ދައްކަނީ ޔުއާން އިންނެވެ. ސީނުކަރައިގެ ޓޭންކަރުތަކަށް ހުރުމޫޒު ކަނޑުއޮޅީގައި މިނިވަންކަމާއެކު އުޅެވެއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ އުޅަނދުތަކަށް އޮތީ އީރާނުގެ މިސައިލްތަކާ ކުރިމަތިލުމެވެ. ނޫނީ އެއަށްވުރެ ދިގު އެހެން މަގެއް ޚިޔާރު ކުރުމެވެ.

މި ހަނގުރާމަ ފެށީ އީރާނުގެ ތެލަށް ވެރިވެ ގަތުމަށާއި، ހުރުމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދައި، އެ ކަނޑުއޮޅި ހުޅުވަން މަޖުބޫރު ކުރުމަށެވެ. އެކަމަކު މިހާރު އީރާނުން އެ ކަނޑުއޮޅި ހުޅުވާފައިވަނީ ހޮވާލެވޭ ވަކި ބަޔަކަށް އަދި އީރާނުން އެއްބަސްވާ ވަކި ކަރަންސީއެއްގެ މައްޗަށް ބިނާކޮށެވެ. އެމެރިކާއިން ބޮން އަޅައިގެން ސާބިތުކޮށްދިނީ އެ ޖަޒީރާއަށް ޙަމަލާ ދެވޭނެކަމެވެ އެކަމަކު، އަދިވެސް އީރާނުން ސާބިތުކޮށްދެނީ އެ ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި ކަމެވެ.

ދުނިޔޭގައި މިހާރު މިދަނީ، ދެ ޖަމާޢަތަކަށް ބެހިފައިވާ ހަކަތައިގެ ބާޒާރެއް އުފެދެމުންނެވެ. އެއް ޖަމާޢަތަކީ ސީނުކަރައިގެ ޔުއާންއަށް ބިނާވެފައިވާ ހަކަތައިގެ ބާޒާރެވެ. ބްރެންޓް އަގު ނުވަތަ ސާފުނުކުރާ ލުއި ތެޔޮ ވިއްކާ އަގަށް ވުރެ 9 ޑޮލަރާއި 12 ޑޮލަރާއި ދެމެދުގެ ހެޔޮ އަގެއްގައި އީރާނުގެ ތެޔޮ، ސީނުކަރައާއި، ބުރިކްސްގެ ޤައުމުތަކަށް، ވިއްކަން އީރާނުން ވަނީ ހުޅުވާލާފައެވެ.
ދެވަނަ ޖަމާޢަތަކީ ޕެޓްރޯ ޑޮލަރަށް ބިނާވެފައިވާ ހަކަތައިގެ ބާޒާރެވެ. ޕެޓްރޯ ޑޮލަރުން މުޢާމަލާތްކުރާ ހުޅަނގަށް އޮތީ ހަނގުރާމައިގެ ހިރާސްއާއި، އަގުބޮޑު އިންޝުއަރެންސު ގަނެގެން ހަކަތައިގެ ވިޔަފާރި ކުރުމެވެ.

އެއް މުދަލަކަށް ދެ އަގެކެވެ. އެއް ކަނޑުމަގަކަށް ދެ ފައިސާއެކެވެ. ކޮންމެ ތެޔޮ ފީފާއަކަށް ތަފާތު ދެ ނިޒާމެކެވެ!
މި ހަނގުރާމަ ބާރަށް މިސްރާބު ޖަހާފައި އެވަނީ ޢާލަމީ ބޮޑު ބައިބައިވުމަކާ ދިމާލަށެވެ. އޭގެ ސަބަބުން، ޕެޓްރޯ ޑޮލަރު ކޮންޓްރޯލް ކުރުމަށް އުފެއްދި ޝައިޠާނީ ނިޒާމު އެ ދަނީ ދޮޅިފުރައި ނޭވާލަމުންނެވެ.
އީ
ރާނުން ހުރުމޫޒް ކަނޑުއޮޅި ހުޅުވައިލަނީ ބޯޓުފަހަރަކަށް ނޫނެވެ. އީރާނުން ހުރުމޫޒު ކަނޑުއޮޅި ހުޅުވައިލަނީ ސީނުކަރައިގެ ޔުއާން އަށެވެ. އަދި ކޮންމެ ތެޔޮ ފީފާއެއްގެ އަގު ޑޮލަރުން އަގުމަގު ކުރި 52 އަހަރުވީ ދައްޖާލީ ނިޒާމު މިހާރު އެވަނީ، އެ ނިޒާމު ނިމުމަކަށް އަތުވެދާނެ ހަނގުރާމައަކާ ކުރިމަތިލާފައެވެ.

އީރާނުން ކުރިމަތިކުރި "ޔުއާންގެ ޝަރުޠަށް" ފަހު، އެމެރިކާއިން ޑޮލަރު ސަލާމަތް ކުރުމަށްޓަކައި ޗައިނާއާއި ދެކޮޅަށް އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ބާވައެވެ؟ ނުވަތަ މިއީ ބްރިކްސް ފައިސާއިން، އެ ފައިސާ ވުޖޫދުގައި ދެމިއޮތުމުގެ ހަނގުރާމަ ކާމިޔާބު ކުރީ ހެއްޔެވެ؟

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.