ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
އެގޮތުން އެ ކުންފުންޏާ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާ ހަތް ރަށަކަށް 174 މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމަށް ހޯދާ 50 މުވައްޒަފަކާއި ނ. މިލަދު އަށް ހޯދާ 32 މުވައްޒަފަކާއި ކ. ކާށިދު އަށް ހޯދާ 24 މުވައްޒަފަކާއި ތ. މަޑިފުއްޓަށް ހޯދާ 13 މުވައްޒަފަކާއި ޅ. ނައިފަރަށް ހޯދާ 12 މުވައްޒަފެއްގެ އިތުރުން އެ އަތޮޅު ހިންނަވަރަށް ބޭނުންވާ މުވައްޒަފަކާއި އއ. ރަސްދު އަށް ބޭނުންވާ މުވައްޒަފަކާއި ކެވެ.
ވަޒީފާތަކަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި މެނޭޖަރުންނާއި ސުޕަވައިޒަރުންނާއި ސަޕޯޓް ސްޓާފުންނާއި ޑްރައިވަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންގެ އިތުރުން ސެކިއުރިޓީ ގާޑުން ހިމެނެ އެވެ.
އާރްޑީސީން މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ވަޒީފާތަކަކަށް ހުޅުވައިލުމުން އިދިކޮޅު ފަރާތްތަކުން މިކަން ސިފަކޮށްފައި ވަނީ އިންތިހާބަށް ވޯޓް ހޯދަން ސަރުކާރުން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.