ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މަހުގެ 5 ގައި ހުކުމް އިއްވީ އެމްޑީ ސޮހަބް މިއަ، 36، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.
އެމްޑީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ޖޫން 28، 2024 ގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނަގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން، ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ތަކެތި ފާސްކުރިއިރު، ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވެ އެވެ.
ފުލުހުން އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.67 ގްރާމްގެ މެތައެމްފަޓަމިންކަން ކަށަވަރުވެފައިވެ އެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން، މައްސަލައިގެ ކުރީގެ މަރުހަލާތަކުގައި އެމްޑީ ބަންދުގައި ހުރި މުއްދަތު ކެނޑުމުން މިހާތު ތަންފީޒު ކުރަން ޖެހެނީ 23 އަހަރާއި 3 މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނަ ޖޫރިމަނާކުރީ 100،000ރ. އިންނެވެ.