Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ދެން ފިލްމު ކުޅޭ މިންވަރު ގިނަވާނެ: އާމިރު

ދެން ފިލްމު ކުޅޭ މިންވަރު ގިނަ ވާނެ ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ބުނެފި އެވެ.

އިއްޔެ ފާހަގަކުރި އޭނަގެ 61 ވަނަ އުފަން ދުވަހާ ދިމާކޮށް ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު އެކްޓަރު ބުނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް ހިންގުމާ އެކު، އެކްޓިން އަށް ދޭ ސަމާލުކަން ދެން ކުރިއަށް ވުރެ އިތުރު ވާނެ ކަމަށެވެ. އެގޮތުން ފާއިތުވި ހަ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ސްކްރިޕްޓްތަކެއް ކިޔާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ސްޕްރިޕްޓްތައް ކަމުގޮސްފައިވާތީ ރުހުން ދީފައިވާނެ ކަމަށް އާމިރު ބުންޏެވެ.

ނަމަވެސް ދެން ކުޅޭނީ ކޮން ފިލްމެއް ކަމެއް މިދިޔަ އަހަރުގެ 'ސިތާރޭ ޒަމީން ޕަރް' އިން ފެނުނު އެކްޓަރު ހާމައެއް ނުކުރެ އެވެ.

"ޔަގީންކަން ދެން ކުރިއަށް ވުރެ ބޮޑަށް އެކްޓިން އަށް އިސްކަން ދޭނެކަން،" އާމިރު ބުންޏެވެ. "އޭގެ މާނަ އަކީ ކުރިއަށް ވުރެ ގިނައިން ދެން އަހަރެން ފިލްމުތަކުން ފެންނާނޭ."

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާމިރު ދެން ކުޅޭނީ އިންޑިއާގެ ސިނަމާގެ ބައްޕަ ދާދާސާހެބް ޕާލްކޭގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމަ އެވެ. އެއީ އާމިރު 'ޕީކޭ' އާއި '3 އިޑިއަޓްސް' ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ.

އާމިރުގެ އަމިއްލަ ކުންފުނި، އާމިރު ޚާން ޕްރޮޑަކްޝަންސްގެ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް ފުޅާކޮށްފައިވާ އިރު، އެތަނުން އެންމެ ފަހުން ގެނެސްދިނީ އޭނަގެ ވެސް ހާއްސަ ފެނިލުމެއް ހިމެނޭ ސްޕައި އެކްޝަން ކޮމެޑީ 'ހެޕީ ޕަޓޭލް: ހަތަރުނާކް ޖާސޫސް' އެވެ. އާމިރު ޕްރޮޑިއުސްކޮށް ދެން އެންމެ އަވަހަށް ގެނެސްދޭނީ އޭނަގެ ދަރިފުޅު ޖުނައިދު ޚާނާ އެކު މެއި 1 ތާވަލުކޮށްފައި އޮތް ލޯބީގެ ފިލްމު 'އޭކް ދިން' އެވެ.

އޭގެ ފަހުން އޮގަސްޓް 14 ގައި ސަނީ ޑިއޯލްގެ 'ލާހޯރް، 1947' ގެނެސްދިނުމަަށް ފަހު އަހަރުގެ ފަހުކޮޅު 'އަތީ ސުންދަރު' ކިޔާ ފިލްމެއް އާމިރު ގެނެސްދޭނެ އެވެ.