އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ވޯޓާސް ލިސްޓްގައ ސޮއި ކުރުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވައިލަން އިލެކްޝަންސް ކޮމިޝަން އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު އޮންނާނީ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެއީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 އަށެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އީސީގެ އިންތިޚާބާ ބެހޭ މަރުކަޒު ގަ އެވެ.
އަންނަ މަހުގެ 4 ގައި 3 ވޯޓެއް ނަގާނެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނަގާ ވޯޓެވެ.
މި އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވޯ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.