Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ނޯތު ހާބަރުން ނަގާ ފީ ބޮޑުކުރަން މަޝްވަރާއެއް ނުކުރޭ

މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން، ނަގާ ފީ ބޮޑުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު ކުރަމުން ނުގެންދާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް "އޭ ޒޯން" ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފައި ކަމަށެވެ. އެހެންވެ، އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެމްޕީއެލުން ބުންޏެވެ.

"މާލޭ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު މި ކުންފުނިން ކުރިއަށް ނުގެންދާ ވާހަކަ ދަންނަވަމެވެ. އެހެންކަމުން، މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެކެވެ" އެމްޕީއެލުން ބުންޏެވެ.

"މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މާލެ ނޯތު ހާބަރގެ 'ޑީ ޒޯން'، 'އީ ޒޯން' އަދި 'އެފް ޒޯން' ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގައެވެ"

އެމްޕީއެލްގެ އަމާޒަކީ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް އެމްޕީއެލްއިން ބުންޏެވެ. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފައިކަމަށް އެމްޕީއެލުން ބުންޏެވެ.

އެ ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލުން ބުންޏެވެ.