Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ގާސިމްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ އެވެ.

ގާސިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓުގެ ގޮތުގައި 50،000ރ. (ހުރިހާ ބަލިކަށި ހައުސްހޯލްޑްސްއަށް) ފުރުސަތެއް ކަމަށް ބުނެ، ވަޓްސްއެޕް ގްރޫޕްތަކުގައި އާއި މީސް މީޑިއާގެ ބައެއް މަންސަތަކުގައި އޭއައި ފޮޓޯއަކާއި ސުވާލު ލިންކަކާއެކު ފަތުރަމުންދާ ކަމަށެވެ.

ނަމަވެސް އެއީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކު ދެރަ ނިކަމެތި ގޮތް ދިމާވަމުންދެއެވެ،" ގާސިމް ވިދާޅުވި އެވެ.

މީގެކުރިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ގާސިމްގެ ނަމުގައި ޓްރޭޑިން ސްކޭމެއް ވެސް ބަޔަކު ހިންގާފައިވެ އެވެ.