Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ސައުދީން ހަދިޔާކުރި 15 ޓަނުގެ ކަދުރު ބަހައިފި

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، "ދަޢުވާ އެންޑް ގައިޑެންސްއިން" އިން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު ރާއްޖޭގެ އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

މި ކަދުރު ރަސްމީކޮށް ހަވާލުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނުގެ މަސައްކަތްޕުޅަށް ވަޒީރު ވަނީ ތަޢުރީފް ކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅު ވަޒީރު ފާހަގަކުރެއްވިއެވެ.