ސަރުކާރަށް ތާއީދު އިތުރުކުރަން ބޭކާރު ވަޒީފާތައް މީހުން ނެގުން ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ނިމިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ޔަޤީންކަން ދިނީ ތެލާއި، ގޭސް އަދި އަސާސީ ކާބޯ ތަކެތި ލިބުމުގައި އެއްވެސް ދަތި ކަމެއް ރައްޔިތުންނަށް ކުރިމަތި ނުވާނެކަން ކަމަށާއި ނަމަވެސް މިއަދު މިވަނީ ގޭސް ލިބުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހިފައި ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ވެގެންދާއިރު، ތެޔޮ ގަންނަން ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑު ތަނުން މަތިވެގެން ދާނެ ކަމަށާއި މީގެ ސަބަބުން ތަކެތީގެ އަގު ބާޒާރުގައި އުފުލިގެން ދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ސަރުކާރުން މިހާރު ވެސް އެ ގެންދަނީ ދަރަނި ދެއްކުމަށާއި، ތެޔޮ ގަންނަން އިތުރަށް ކުރަން ޖެހޭ ޚަރަދު އަދި އެހެނިހެން ޚަރަދުތައް ފޫބެއްދުމަށް އިތުރު ދަރަނި ނަގަން މަސައްކަތް ކުރަމުން. މިއީ ދަރަނި ހޯދުމަށް ވެސް އުނދަގޫ ވަގުތެއްކަން ވިސްނުމުގައި ބަހައްޓަން ވާނެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އާންމު ޙާލަތުގައި ޤައުމުގެ ކަންކަން އޮތްއިރު ވެސް ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހު އިޤްތިޞާދު އޮތީ އެންމެ ރަނގަޅަށް މެނޭޖު ނުކުރެވި ކަމަށާއި އެހެންކަމުން މިފަދަ ވަގުތެއްގައި އިޤްތިޞާދު މެނޭޖުކޮށް، ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ޙައްލު ގެނައުމަށް އަސާސީ ކަންތައްތަކާއި، ބޭސް ފަރުވާގެ ކަންކަމާއި، ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ކަންތައްތައް ރަނގަޅަށް ހަމަޖެއްސޭނީ ވަރަށް ހަރުދަނާ ކަމާ އެކު މަސައްކަތް ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިޔަފާރީގެ ބޮޑު ބައެއް، ޚާއްސަކޮށް ކޯވިޑް-19 އަށް ފަހު މިއޮތީ މެދު އިރުމައްޗާ ގުޅިފައި. އެއީ ސީދާ މެދު އިރުމަތީ ޤައުމުތަކުން އިމްޕޯޓު ކުރުން، ނުވަތަ މެދު އިރުމަތިން ޓްރާންސިޓް ކޮށްގެން ރާއްޖެ އަށް މުދާ އެތެރެ ކުރުން. ތެޔޮ ގަންނަން ސަރުކާރުން މަހަކު ގާތް ގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާއިރު، މިހާރު މި އަދަދު 75 މިލިއަން އެމެރިކާ ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް. ހަމައެއާ އެކު އަމިއްލަ ފަރާތްތަކުން އެތެރެ ކުރާ ތެލުގެ އަގު ވެސް މި މިންގަނޑުން މައްޗަށް ދާނެ،" ފައިސަލް ވިދާޅުވި އެވެ.
މީގެ ސަބަބުން ރިސޯޓު ތަކުގެ ހިންގުމުގެ ޚަރަދާއި، އަދި އަމިއްލަ ވިޔަފާރީ ތަކުން ކުރަން ޖެހޭ ޚަރަދު ބޮޑު ވެގެން ދާނެ ކަމަށާއި އަދި ކުދި ވިޔަފާރި ތަކަށާއި، އަދި ވަޒީފާ ތަކަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިފަދަ ޚައްސާސް ވަގުތެއްގައި ޤައުމުގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި، އަދި ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކާ އެކު މިކަމުގައި މަސައްކަތްކޮށް ޤައުމުގެ ކަންތައްތައް ވީހާ ވެސް ރަނގަޅަށް މެނޭޖު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޓާސްކް ފޯހެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން މިކަންތައް ކުޑަ ކަމެއްގެ ގޮތުގައި ނުނަންގަވައި، ވަގުތު ފާއިތު ނުވަނީސް ހަރުދަނާ ފިޔަވަޅުތައް އެޅުއްވުމަށާއި ސަރުކާރަށް ތާއީދު އިތުރު ކުރުމަށް އުފައްދާ ބޭކާރު ވަޒީފާ ތަކަށް މީހުން ނެގުމާއި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރާ އިސްރާފު ހުއްޓާލުމަށް ވެސް ފައިސަލް ގޮވާލެއްވި އެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސަރުކާރު އޮފީސް ތަކުގެ ޚަރަދު ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރައްވާ، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަ ކުރުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ،
"އެއްވެސް ހާސް ކަމެއް ނެތްކަން ދެއްކުމުގެ ބަދަލުގައި، ސާފު ތެދު މައުލޫމާތު ޒިންމާދާރު ކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދެއްވާ،" ފައިސަލް ވިދާޅުވި އެވެ.