Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އެމްޑީޕީގައި މިހާރު އޮތީ ކުލައެއް އެކަނި، ލީޑަރެއް ވެސް ނެތް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އެމްޑީޕީގައި މިހާރު އޮތީ ކުލައެއް އެކަނި ކަމަށާއި ލީޑަރެއް ވެސް ފެންނަން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހޯރަފުށި ދާއިރާއިން ބޭއްވި ތަރާވީހެއްގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެމްޑީޕީއަށް ބާރު އޮތްއިރު ހުރިހާ އިންތިހާބެއް އެއް ދުވަހެއްގައި ބާއްވަން މަޝްވަރާކުރި ކަމަށާއި އޭރު މަޖިލީހުގައި ތިބިއިރު އެ ވާހަކަ ދައްކާވަރުން އުނދަގޫވާ ހިސާބަށް ކަންކަން ދިޔަ ކަމަށެވެ.

އޭރު ހުރިހާ އިންތިހާބެއް އެއް ދުވަހެއްގައި ބާއްވަން އެމްޑީޕީން ވާހަކަދެއްކި ނަމަވެސް މިހާރު އެމްޑީޕީގައި ލީޑަރެއް ނެތް ކަމަށާއި އެ ޕާޓީ ވެސް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މިއަދު އެމްޑީޕީގައި އޮތީ ހަމައެކަނި ކުލަޔަކާއި ޕޯޑިއަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"ލީޑަރެއް ފެންނާކަށް ނެތް. އެއްކޮޅުން ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ނިކުމެ އުޅެނީ. އަނެއްކޮޅުން އެބޭފުޅުންގެ ކޮންމެވެސް މިނިސްޓަރެއް ނިކުމެ، އަނެއްކޮޅުން ނައިބުރައީސް ނިކުމެ، އަނެއްކޮޅުން ފޮރިން މިނިސްޓަރު ނިކުމެ އެމީހަކު ދުލަށް އައިހައި އެއްޗެއް ކިޔަނީ ހެޑްލައިން ހައްދަވަން ވެގެން. ވިޝަންއެއް ފޯކަސްއެއް ނެތް ދާންވި ޑައިރެކްޝަނެއް ނެތް. ހުންގާނު ނެއްޓިފަ އޮތް ދޯންޏެންހެން މިއަދު އެމްޑީޕީ އެދުވަނީ." ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ އެމްޑީޕީ ފިޔަވައި އެހެން ހުރި ޕާޓީއަކުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.