ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް، އޭނާގެ އަމިއްލަ ނަފްސާއި އޭނާ ޚަރަދު ބަލަހައްޓަން ޖެހޭ އެންމެހައި މީހުންގެ ފަރާތުން އަދާކުރުން ވާޖިބުވެގެންވާ އެއްޗެކެވެ. އެއީ އީދު ވިލޭރެ އާއި އީދު ދުވަހު އޭނާ އާއި އޭނާގެ ބަލަދު އެރުވޭ މީހުންގެ ކެއުމާއި ބުއިމާއި އަސާސީ ބޭނުންތަކަށް ވުރެ އިތުރުވާވަރުގެ މުދަލެއް ހުރި ނަމަ އެވެ.
މިކަމުގެ ދަލީލަކީ ابن عمر رضى الله عنهما ރިވާކުރައްވާފައިވާ ޙަދީޘްފުޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
(فَرَضَ زَكاةَ الفِطْرِ صاعًا مِن تَمْرٍ، أوْ صاعًا مِن شَعِيرٍ على كُلِّ حُرٍّ، أوْ عَبْدٍ ذَكَرٍ أوْ أُنْثى مِنَ المُسْلِمِينَ) (صحيح البخاري (١٨٩١)، أخرجه مسلم (١١)
މާނައީ: "ރަސޫލާ صلى الله عليه وسلم ފިޠުރު ޒަކާތް ފަރުޟުކުރެއްވިއެވެ. އެއީ ކޮންމެ މުސްލިމު އަޅެއްގެ މައްޗަށާއި، މިނިވަނެއްގެ މައްޗަށާއި، ފިރިހެނެއްގެ މައްޗަށާއި، އަންހެނެއްގެ މައްޗަށާއި، ކުޑަކުއްޖެއްގެ މައްޗަށާއި، ބޮޑުމީހެއްގެ މައްޗަށް ޞާޢެއްގެ ގޮދަން ނުވަތަ ޞާޢެއްގެ ބާރުލީ އެވެ."
މި މިންވަރަކީ ގާތްގަނޑަކަށް 2،500 ގްރާމްގެ ގޮދަން ނުވަތަ ހަނޑުލެވެ. އަދި ކޮންމެ އަހަރަކުވެސް ފަތުވާ ނެރޭ އިދާރާތަކުން މި ޒަކާތުގެ އަގު ހާމަކޮށްދޭނެ އެވެ.
ޢީދު ދުވަސް ފަހަނައަޅައިދާ އިރު ވެސް ފިޠުރު ޒަކާތް ނުދީ ލަސްކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
އީދު ދުވަހުގެ އިރުއޮއްސުމަށް ވުރެ ފިޠުރު ޒަކާތް ލަސްކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. އީދު ދުވަސް ފަހަނައަޅައިދާ އިރު ވެސް ޒަކާތް ނުދީފި ނަމަ، އެމީހަކު ފާފަވެރިވާނެ އެވެ. އަދި އެއްވެސް ޢުޒުރަކާ ނުލައި ލަސްކުރި ކަމަށްޓަކައި، ލަސްނުކޮށް ވަގުތުން އެ ޤަޟާކުރަން ޖެހޭނެއެވެ. ސަބަބަކީ އެއީ އޭނާގެ ޒިންމާގައި އޮތް ދަރަންޏަކަށް ވާތީ، އެ ޒިންމާއިން ބަރީއަވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ފިޠުރު ޒަކާތް ފައިސާއިން ދިނުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
އަޞްލަކީ ފިޠުރު ޒަކާތް ނެރޭއިރު އެ ރަށެއްގައި އާންމުކޮށް ކައިއުޅޭ ކާނާގެ ބާވަތަކުން ނެރުމެވެ. ރާއްޖެ ފަދަ ޤައުމުތަކުގައި އާންމުކޮށް ކައިއުޅެނީ ގޮދަނާއި ހަނޑުލެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2،500 ގްރާމެވެ. ފަގީރުންނާއި މިސްކީނުންނަށް ހަނޑުލުން މި މިންވަރު ދިނުމަކީ ފަސޭހަ ކަމެކެވެ. އަދި މިއީ އިސްލާމީ ހުރިހާ މަޛްހަބުތަކެއްގައި ވެސް ޞައްޙަ ގޮތެވެ.
ނަމަވެސް ޙަނަފީ މަޛްހަބުގެ ފިޤުހު އިލްމުވެރިން، ޒަކާތުގެ އަގަށްވާ ފައިސާ ދިނުން ހުއްދަ ކުރައްވައެވެ. އެއީ ފަޤީރުންނަށް އެއިން ކުރާ ފައިދާ ބޮޑުވެފައި، ޒަކާތް ނެރޭ މީހާ އަށް ވެސް އެގޮތް ފަސޭހަވާނެތީ އެވެ.
ބަނޑުގައިވާ ދަރިފުޅުގެ (ޖަނީނުގެ) މައްޗަށް ފިޠުރު ޒަކާތް ދެއްކުން ވާޖިބުވާނެތޯ؟
ބަނޑުގައިވާ ދަރިފުޅުގެ ފަރާތުން ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބު ކަމެއް ނޫނެވެ. ނަމަވެސް، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުމުގެ ކުރިން އެ ކުއްޖާ އުފަންވެއްޖެނަމަ، އެ ކުއްޖާގެ ފަރާތުން ޒަކާތް ދެއްކުން ވާޖިބުވާނެއެވެ.
ފަޤީރު ޙާލުގައިވާ އަޚަކަށް (ބޭބެއަކަށް ނުވަތަ ކޮއްކޮއަކަށް) މުދަލުގެ ޒަކާތާއި ފިޠުރު ޒަކާތް ދިނުމުގެ ޙުކުމަކީ ކޮބައިތޯ؟
ފަޤީރު ޙާލުގައިވާ އަޚަކަށް މުދަލުގެ ޒަކާތާއި ފިޠުރު ޒަކާތް ދިނުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެފަދަ މީހުންނަކީ ޒަކާތް ދިނުން ޝަރުޢީ ގޮތުން ކަނޑައެޅިގެންވާ މީހުންގެ (އަޞްނާފުތަކުގެ) ތެރޭގައި ހިމެނޭ ބަޔަކަށް ވާތީއެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.