Last Updated: July 15, 11:57
Wednesday, July 15, 2026
ޚަބަރު

ނިލަންދޫ މަސް ފެކްޓްރީ އަށް ބިން ހިއްކަން ފަށައިފި

ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ، (އެމްޓީސީސީ) އާއި ހަވާލުކޮށްގެންނެވެ. އެމްޓީސީސީއާއި އެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ނިލަންދޫގައި ދަޅު މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރަން ހިއްކަނީ، އެރަށުގެ އުތުރުން 7 ހެކްޓަރުގެ ބިމެކެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ ކާރުޚާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި މަޝްރޫޢުގެ ދަށުން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް އެޅުމަށް ވަނީ ނިންމާފަ އެވެ.

ނިލަންދޫގެ އިތުރުން ގދ ފިޔޯރީގައިވެސް ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. ފިޔޯރީގައި ކުރިއަށް ގެންދާ މަޝްރޫއުގައި ދުވާލަކަށް 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.