Last Updated: July 15, 11:57
Wednesday, July 15, 2026
ޚަބަރު

ޒިކުރާ މިސްކިތުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

މާލޭގެ ’މަސްޖިދުއްޒިކުރާ' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ 1،500 މީހުންގެ ޖާގައިގެ ތިން ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި އަރައިފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެ އެވެ. މި މިސްކިތް ވާނީ މާލެ ސަރަޙައްދުގައި ބިނާކުރެވޭ ވަރަށް ޖާގަ ތަނަވަސް މިސްކިތަކަށެވެ.

މިސްކިތް އިމާރާ ތްކުރުމުގެ ޢަމަލީ މަސައްކަތް ރޯދަ މަސް ނިމުމުން ފަށަން ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒިކުރާ މިސްކިތުގެ އާ އިމާރާތަކީ މިއީ މާލެ ސަރަޙައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެއް ކަމަށެވެ.