Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

އަހާން އަށް އޮފާތައް އޮހެނީ

މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ޒުވާން އެކްޓަރު އަހާން ޕާންޑޭ އޮފާތައް އޮހެމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިދިޔަ އަހަރު ގެނެސްދިން 'ސައްޔާރާ' އިން ވިދި އެކްޓަރު މިހާރު އަންނަނީ އެ ސްޓޫޑިއޯގެ ދެވަނަ ފިލްމެއްގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ މި މަހުގެ 30 ގައި ރަސްމީކޮށް ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ރޮމޭންޓިކް އެކްޝަން ތުރިލާއެކެވެ.

ނަން އަދި ކަށަވަރު ނުވާ މި ފިލްމަށް އަހާން ވަގުތު ހުސްކޮށްފައިވާ އިރު، އޭނަ އަށް ގިނަ ހުށަހެޅުންތަކެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ފަރާތުން އަންނަނީ ލިބެމުންނެވެ. އެގޮތުން މި ފަހުން ލިބުނު 10 ސްކްރިޕްޓެއް އުންމީދީ އެކްޓަރު ދޫކޮށްލާފައިވާ އިރު، ވަރުގަދަ ދެ ޑައިރެކްޓަރެއްގެ ފިލްމުތަކަށް ފެހި ސިގްނަލް ދީފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އޭގެ ތެރެއިން އެކަކީ އެއީ 'ތަނޫ ވެޑްސް މަނޫ' އާއި 'ރާންޖަނާ' ފަދަ ކާމިޔާބު ފިލްމުތައް ގެނެސް އާނަންދު އެލް ރާއީ އެވެ. އޭނަ އަކީ ބޮލީވުޑްގެ މިދިޔަ އަހަރު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ތެރެ އިޝްގް މޭ' ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

އަހާން ދެން ފެހި ސިގްނަލް ދީފައިވާ ޑައިރެކްޓަރަކީ ރާކޭޝް އޯމްޕްރަކާޝް މެހެރާ އެވެ. އޭނަ އަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ ރަންގް 'ދެ ބަސަންތީ' އާއި 'ބާގް މިލްކާ ބާގް' ގެ ޑައިރެކްޓަރެވެ. މީޑިއާތަކުން ބުނި ގޮތުގައި އަހާން އަށް މެހެރާ ހުށަހެޅި މީގެ އަހަރުތަކެއް ކުރިން އޭނަ ޝާހިދު ކަޕޫރް ހިމަނައިގެން ހަދަން ޕްލޭންކުރި ހުރާފީ ޕީރިއަޑް ފިލްމު 'ކަރްނާ' އެވެ.

މި ދެ ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރަން އަހާން ބޭނުންވާ ކަމަށް ބުނެފައިވާ އިރު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަމްސާލީގެ ޕްރޮޖެކްޓެއް ވެސް އޭނަ އަށް ލިބުނުކަމުގެ ވާހަކަތަކެއް މިދިޔަ އަހަރުގެ ތެރޭގައި އަދި ދެކެވިފައިވެ އެވެ

ނަމަވެސް މިއިން އެއްވެސް ޕްރޮޖެކްޓަކާ ބެހޭ ރަސްމީ އެއްވެސް ޚަބަރެއް އަދިއެއް ނެތެވެ. އެކަމަކު ކަށަވަރު ކަމަކީ އަހާން، 27، އަކީ ކުރިމަގު ވަރަށް އުޖާލާ، ވަރަށް އުންމީދީ އެކްޓަރެއްކަމެވެ.

އޭނަ އަށް މިހާރު އަންނަނީ މަޝްހޫރު ތަފާތު ބްރޭންޑްތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބެމުންނެވެ. އެގޮތުން ޕެޕްސީ އަށް އަހާން ސޮއިކޮށްފައިވާ އިރު، އޭނަ އަކީ މޭކަޕް ބްރޭންޑް ޓީރާގެ ފުރަތަމަ ފިރިހެން މޮޑެލެވެ. މީގެ އިތުރުން އަހާން އަކީ ހާލީ-ޑޭވިޑްގެ އާ މޮޑެލް 'އެކްސް440 ޓީ' ގެ އިންޑިއާގެ އެމްބެސެޑަރު ވެސް މެ އެވެ