ދ. ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ހިންގި ޚާއްޞަ ހަރަކާތެއްގެ ދަށުން، ޣައްޒާގެ 1،300 އެއްހާ މީހުންނަށް ރޯދަވީއްލުން ފޯރުކޮށް ދީފި އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ގުޅިގެން "95" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ކެމްޕޭނަކީ ޣައްޒާގެ މުސްލިމުންނަށް ރޯދަ ވީއްލުމުގެ ޕެކޭޖް ފޯރުކޮށް ދިނުމަށް އަމާޒުކޮށްގެން ހިންގުނު ކެމްޕޭނެކެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 26 އިން މި މަހުގެ 7 އަށެވެ.
އެގޮތުން މި ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ ފަންޑްރެއިޒުން ޖުމްލަ 123,500ރ. ލިބިފައިވެ އެވެ. މި އެހީގެ ދަށުން މިހާރު ޣައްޒާގެ މުސްލިމުންނަށް އިއްޔެ ވަނީ ރޯދަވީއްލުން ދީފަ އެވެ.
ދިވެހިންނަކީ އަބަދު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީވަމުން އަންނަ ގައުމެކެވެ.