ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް މި ވަގުތަށް ނެތް ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ރާއްޖޭގައި ތެލުގެ ވިޔަފާރި ކުރަނީ އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެފްއެސްއެމުންނެވެ.
އެސްޓީއޯ އިން ބުނީ ތެޔޮ ގެންނަން ދަތިކަމެއް ނެތް އިރު، މިހާރު ސްޓޮކްއިން މެނޭޖް ވެސް ކުރެވޭނެ ކަމަށެވެ. އެ ކުންފުނިން މިހެން ބުނި އިރު، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން މިދިޔަ ހަފުތާގައި ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ.
އެސްޓީއޯއާ ހަވާލާދީ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބުނީ މި ވަގުތަށް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަސް ތެލުގެ އިތުރު ދެ ޝިޕްމެންޓް އަންނަ ހަފުތާފައި ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެސްޓީއޯ އިން ބުނީ ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއް ވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށެވެ. މިހާރު ގޭހަށް އޮޑް ޑިމާންޑް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ މޯލްޑިވް ގޭހުން ގޭސް އިން މިހާރު ގޭސް ވިއްކަމުން އަންނަނީ ލިމިޓްކޮށްގެންނެވެ.
އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި މިހާރު ވިއްކަނީ 5 ކިލޯގެ ގޭސްފުޅި އެވެ. އެސްޓީއޯ އިޮން ބުނީ މިއީ މި ހަފުތާއަށް އެކަނި އެޅި ފިޔަވަޅެއް ކަމަށާއި އަާ ޝިޕްމެންޓް ލިބުމާއެކު، ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަމުން ދާނެ ކަމަށެވެ.