އައްޑޫން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަރަށް ބޮޑުތަނުން އުފުލިއްޖެ އެވެ.
ދާދި ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ފަހުން އައްޑޫން މިހާރު ޕެޓްރޯލް ލިޓަރެއް 29.26ރ. އަށް ވިއްކަމުންދާ އިރު، ޑީސަލް ލިޓަރެއް ވިއްކަނީ 30.13ރ. އަށެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ އަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތުން މާ ބޮޑު އަގުތަކެއް ކަމަށެވެ. އޭނަ ވިދާޅުވީ ގަލްފް ހަގުރާމައިގެ ދުވަސްވަރު ވެސް އެ މިންވަރަށް ތެލުގެ އަގު ބޮޑުކޮށްފައި ނެތް ކަމަށެވެ.
"މިކަމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެން،" ނިޒާރު ވިދާޅުވި އެވެ. "އަދި ހުރިހާ ރައްޔިތުން ވެސް އިސްރާފު ކުޑަކޮށް ހަރަދުތަށް ކުރުމުގައި ސަމާލްވުމަށް އިލްތިމާސް ކުރަން."
އެސްޓީއޯ އިިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލަށް ބަލާ އިރު، މި މަހުގެ 5 އިން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގަކީ 16.01ރ. އަށެވެ. އޭގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 13.50ރ.އަށެވެ. އަދި ޑީސެލް ލީޓަރެއް މިހާރު 17.54ރ. އަށް ވިއްކަމުން އަންނަ އިރު، ކުރިން ޑީސަލް ލީޓަރެއް ވިއްކީ 13.92ރ. އަށެވެ.
ރާއްޖޭގައި އާންމުކޮށް ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްްއެސްއެމް) އިން ތެޔޮ ގަނެގެންނެވެ. އެހެންވެ އެ ފަރާތްތަކުން ވެސް ފައިދާ ލައިގެން ވިއްކާ އިރު، މި ވަގުތު އައްޑޫން ޕެޓްރޯލާއި ޑީސަލް ވިއްކަމުންދާ އަގާ މެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުނިން ބުނެފައި ވަނީ ރާއްޖެ އަށް ތެޔޮ ގެނަމުގައި މި ވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ.